3000 ވަނަ ކުއްޖާއަށް 3000 ރުފިޔާ

މުޙައްމަދު އިމްރާން

ހއ.އިހަވަންދޫގެ އާބާދީގައި 3000 ހަމަވުމަށް ވަރަށް ގާތްވެފައިވާއިރު، އިހަވަންދޫގެ އާބާދީއަށް 3000 ހަމަވާ ކުއްޖާއަށް 3000 ރުފިޔާ ދިނުމަށް، އިހަވަންދޫ ކައުންސިލްގެ މިއަހަރުގެ، ފުރަތަމަ ޖަލްސާގައި ކައުންސިލްގެ އިއްތިފާޤުން، ނިންމަވާފައިވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޞަމީރު ވިދާޅުވެއްޖެއެވެ.

” ލަފާކުރެވޭގޮތުން، އިހަވަންދޫގެ އާބާދީއިން އިތުރުމީހަކު ނިޔާނުވެ، އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ކުރިއަށް އޮތް މަސްދުވަސްތެރޭ، އިހަވަންދޫގެ އާބާދީގައި 3000 ހަމަވާނެ. އަދި މިއަދު ރަށުކައުންސިލްއިން މިނިންމީ، އާބާދީގައި 3000 ހަމަވާއިރު، އެކުއްޖަކަށް 3000 ރުފިޔާ ކައުންސިލްގެ ފަރާތުން ދިނުމަށް” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިހާރުގެ އާބާދީ ވަގުތީގޮތުން ސިއްރުކުރެވިފައިވާކަމަށާ، އެގޮތަށް އެކަން ކުރުމަށް ނިންމީ މިކަމުގައި އެހެންގޮތަކުން، ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވިސްނުންގެންގުޅި ސީދާ 3000 ވަނައަށް ރަޖިސްޓްރީކުރުމަށް މަސައްކަތް ކޮށްފާނެތީކަމަށް ރައީސް ވިދާޅުވިއެވެ.

” މިވަގުތަށް އަޅުގަނޑުމެން މިވަނީ ސީދާ އާބާދީ ސިއްރުކޮށްފަ. ސަބަބަކީ، އާބާދީ ގުނާނީ އިހަވަންދޫގައި ރަޖިސްޓްރީކުރާ ތަރުތީބުންކަމަށް ވާތީ، ވިހާތަރުތީބަކުންނޫން. އެއީ އެތަރުތީބެއްނޫން މިކޮޅަށް އެނގެމުންދާނީ. އެހެންވުމުން، އެކަމަކީ މިވަގުތަށް ސިއްރުކުރުން މުޙިއްމުކަމަކަށްފެންނާތީ، އާބާދީގެ އަދަދު ސިއްރުކުރެވިފައިމިވަނީ” ކައުންސިލްގެ ރައީސް އިހަވަންދޫ.ކޮމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގާ، އާބާދީއަށް ރީތި އަދަދުތައް ހަމަވަން އަންނައިރު، މިފަދަ އިނާމުތައް ހުށައަޅާކަން ފާހަގަކުރެވެއެވެ. އިހަވަންދޫ.ކޮމްއަށް މީގެކުރިން މަޢުލޫމާތު ލިބިފައިވާ ގޮތުން މިހާރު އިހަވަންދޫގެ އާބާދީ 2950 ވުރެ މަތިވާނެއެވެ. މިހާރު މިއަދަދު މިއަށްވުރެ މަތިވާނެއެވެ.