Banner Image Description

މިއަހަރުގެ ބަޖެޓުގައި އިތުރު ޚަރަކާތްތަކަށް 0 ރުފިޔާ: އިހަވަންދޫ މަދަރުސާ

މުޙައްމަދު އިމްރާން

މިއަހަރު އިހަވަންދޫ މަދަރުސާއަށް ކަނޑައެޅިފައިވާ ބަޖެޓަކީ، އެންމެ އެކަށީގެންވާ ބަޖެޓެއް ނޫންކަމަށް، އިހަވަންދޫ މަދަރުސާގެ ޑެޕިޔުޓީ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުލް ވާހިދު ދާޥޫދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އިހަވަންދޫ މަދަރުސާގެ ބެލެނިވެރިންނާ ބައްދަލުކުރުމަށް، ޙާއްޞަކޮށްގެން ބޭއްވި ޖަލްސާގައި، ބަޖެޓާ ބެހޭގޮތުން ބެލެނިވެރިންނަށް އިތުރު މަޢުލޫމާތު ދެއްވަމުން، ބަޖުޓުގެ އެންމެހާ ކަންތައްތައް ބަލަހައްޓަމުން ގެންދަވާ، އިހަވަންދޫ މަދަރުސާގެ ޑެޕިޔުޓީ ޕްރިންސިޕަލް ފާހަގަކުރިއްވި ގޮތުގައި، މަދަރުސާ ތަކަކީ، ކިޔެވުމުގެ އިތުރުން ވަރަށް ގިނަ އިތުރު ޚަރަކާތްތަކެއް ހިންގާ ތަންތަންކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މިއަހަރު އިހަވަންދޫ މަދަރުސާއަށް ކަނޑައެޅިފައިވާ ބަޖެޓުގައި، އިތުރު ޚަރަކާތްތައް ހިންގުމަށް ކަނޑައެޅިފައިވާ ކޯޑުގައިވަނީ 0ރުފިޔާކަން ފާހަގަކުރެއްވިއެވެ. އިހަވަންދޫ މަދަރުސާއަކީ، އަތޮޅުގައި ހުރި އެންމެ ބޮޑު ސްކޫލުކަން ފާހަގަކުރައްވާ، 700 ވުރެ ގިނަ ދަރިވަރުން އިހަވަންދޫ މަދަރުސާއާއި ގުޅިފައިވާއިރު، ވޭތުވެދިޔަ އަހަރު އިހަވަންދޫ މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް 36000 ށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާއިރު، މިއަހަރު ބަޖެޓުގައި ކަނޑައެޅިފައިވަނީ އެންމެ 13000 ރުފިޔާ ކަން ފާހަގަ ކުރެއްވިއެވެ.

އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައެއްގެ ގޮތުގައި ޑެޕިޔުޓީ ޕްރިންސިޕަލް ފާހަގަކުރެއްވީ ކުރީ އަހަރު ތަކުގައިވެސް، ބަޖެޓުގައި އެންމެ ބޮޑު ތާށިކަމެއް ދިމާވެފައިވާ، އިތުރު ގަޑިއަށް ކަނޑައެޅިފައިވާ ފައިސާގެ މައްސަލައެވެ. ވޭތުވެދިޔަ އަހަރުވެސް، މުދައްރިސުންނަށް، އޯރވަޓައިމްގެ ގޮތުގައި ދެވިފައިވަނީ، ދޭން ޖެހޭ މިންވަރުގެ އެންމެ 10 ޕަސެންޓްކަން ފާހަގަކުރައްވާ، އެއަހަރު 295،000 ރުފިޔާ ކަނޑައެޅިފައިވާ، އިތުރުގަޑީގެ ކޯޑުގައި މިއަހަރު ކަނޑައެޅިފައިވަނީ އެންމެ 120،000 ރުފިޔާކަން ފާހަގަކުރެއްވި އެވެ. އަދި މިއަދަދުން 2010 ވަނަ އަހަރު އުނިކުރި ފައިސާގެ ތެރެއިން 6 މަސްދުވަހަށްވާ ފައިސާ އެކޯޑުން ނަގަންޖެހޭކަމަށް ފާހަގަކުރައްވާ، ޑެޕިޔުޓީ ޕްރިންސިޕަލް ވިދާޅުވީ، މިއަހަރު އޯވާރ ޓައިމަށް އިހަވަންދޫ މަދަރުސާގެ 90 އަށްވުރެ ގިނަމުޥައްޒަފުންނަށް ކަނޑައެޅިފައިވާ ބަޖެޓުގައި ސީދާ އިތުރުގަޑިއަށް ހިމެނޭނީ ގާތްގަނޑަކަށް 20،000 ރުފިޔާއެވެ. މިއީ، އިހަވަންދޫ މަދަރުސާގެ މުޥައްޒަފުންނަށް އޯވާރޓައިމްގެ ގޮތުގައި އެންމެ މަހަކަށް ޚަރަދުކުރެވޭނެ މިންވަރެވެ.

އިތުރުގަޑީގެ ފައިސާ ނުދީ، އިތުރުވަގުތު މަސައްކަތް ނުކުރެވޭނެކަމަށް، ޤާނޫނުގައި ކަނޑައެޅިފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގައި އިހަވަންދޫ މަދަރުސާގެ މުޥައްޒަފުންނަށް، ކަނޑައެޅިފައިވާ އިތުރުގަޑީގެ ފައިސާ ނުދެވޭ ކަމަށާ، ނަމަވެސް، މުދައްރިސުންނާއި، މުޥައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރައްވަނީ،ސީދާ ފައިސާއަށް ނޫންކަމަށް ޑެޕިޔުޓީ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް، މުދައްރިސުން އިތުރު ޚަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެފައިވާކަން ޝުކުރުވެރިކަމާ އެކުގައި ފާހަގަކުރެއްވިއެވެ.

2013 ވަނަ އަހަރު އިހަވަންދޫ މަދަރުސާއަށް ކަނޑައެޅިފައިވާ ބަޖެޓް 2012 ވަނަ އަހަރަށްވުރެ، ކުޑަތަންކޮޅެއް ބޮޑުކަމަށް ފާހަގަކުރައްވާ ޑެޕިޔުޓީ ޕްރިންސިޕަލް ވިދާޅުވި، މިއަހަރުގެ ބަޖެޓް ބޮޑުކަމުގައި ވީނަމަވެސް، ބަޖެޓްގައި ހިމެނިފައިވާ ކޯރޑްތަކަށް ބަލާއިރު މާބޮޑު ޚަރަދުތަކެއް ނުހިނގާނޭ ކޯރޑްތަކުގައި ގިނައިން ފައިސާ ކަނޑައެޅިފައި ހުރިކަމަށް ފާހަގަކުރެއްވިއެވެ. އަދި މިހާރު މަދަރުސާއިން މަސައްކަތް ކުރަމުންދަނީ އެކޯރޑުތަކުން މަދުވާ ކޯރޑުތަކަށް ފައިސާ ބަދަލުކުރެވޭތޯކަމުގައި ، ޑެޕިޔުޓީޕްރިންސިޕަލް އަލްފާޟިލް ޢަބްދުލް ވާޙިދު ދާޥޫދު ވިދާޅުވިއެވެ.

މިއަހަރު އިހަވަންދޫ މަދަރުސާގެ ބަޖެޓުގައި މިހާބޮޑު ދަތިތަކެއް ހުރިއިރު، މުދައްރިސުންގެ މުސާރައާއި އިނާޔަތްތަކާ ދޭތެރޭގައި އިތުރައް ވިސްނަވާނެކަމަށް، ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ޓީޗަރުންގެ އެވޯރޑު ދިނުމުގެ ރަސްމިޔާތުގައި ވިދާޅުވެފައިވެއެވެ.