އިހަވަންދޫގެ ބިމުން ގޯއްޗަށްއެދޭ ފަރާތްތަކަށް މާދަމާން ފެށިގެން ގޯއްޗަށްއެދޭ ފޯމު ދޫކުރާގޮތަށް އިހަވަންދޫ ކައުންސިލުން ހަމަޖައްސައިފިއެވެ. ކައުންސިލް އިދާރާއިން އެދިލައްވާފައިވަނީ ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށްއެދޭ ފޯމު ފުރުއްވައި އަންނަ މާރޗް މަހުގެ 10 ވާ އާދިއްތަ ދުވަހުގެ 14:30ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށެވެ.
ކައުންސިލް އިދާރާއިން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުގައި ގޯއްޗަށް އެދޭ ފޯމް ލިބޭނީ، ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުއްވާ މީހަކު އެއިދާރާއަށް ދުރުވުމުން ކަމަށެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޯމާ ހަވާލުވުމަށް ފޮނުވާމީހާގެ ނަމާއި، އެޑްރެސް، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު އެނގޭނޭ ފަދަ ސިޓީއެއް ފޮނުއްވުމަށްވެސް އެއިޢުލާނުގައި ވެއެވެ. އަދި ގޯއްޗަށް އެދޭ ފޯމު ދޫކުރުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށް އޮންނަ އިރު، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ މެންދުރުފަހު 1:30 ން 2:30 އަށެވެ.
ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ނޫރާނީ މަގުގެ ހުލަނގު ދެކުނުން (ބޮޑުމަގުގެ ދެކުނު) އޮންނަ ސަރަހައްދުންނެވެ. އެއީ ކައުންސިލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕުރީސުކޫލުގެ ބިމުގެ ކުރިމަތިން އޮންނަ ވަލުތެރޭގެ ސަރަހައްދެވެ. މިފަހަރު ދޫކުރުމަށް ހަމަޖައްސާފައި ވަނީ 60 ގޯއްޗެވެ. މިފަހަރުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވާ ބޮޑުމިން ކަމަށްވާ 1600 އަކަފޫޓުގެ ގޯއްޗެވެ.