Banner Image Description

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފި

ޢަބުދުﷲ ޙަމީދު

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން މިއަދު މުޅި ރާއްޖޭގައި މުޒަހާރާގެ ހަރަކާތްތައް ކުރިއަށްގެންދިޔައިރު އިހަވަންދޫގައި ބޭއްވި އިހުތިޖާޖީ ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައި އިހަވަންދޫ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. އިހަވަންދޫގައި މިއަދު ބޭއްވި އިހުތިޖާޖުގެ ބައިވެރިން ވަނީ ތަފާތު އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އެމީހުންގެ ޝުއޫރު ފާޅުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީން ދެކެއެވެ.

ޖަލަށް ގެންދެވުނުތާ 1 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް އެމަނިކުފާނު ޖަލުން މިނިވަންކުރަން ގޮވައިލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ވަނީ ކަނޑު މަތީގައި ވެސް އިހުތިޖާޖުކޮށްފައެވެ. މިގޮތުން މާލެއިން 3 ދޯންޏެއްގައި ގިނަ ޢަދަދެއްގެ ބަޔަކާއެކު ހިންގި އިހުތިޖާޖުގައި ރައީސް ޔާމީން މިވަގުތު ހުންނެވި ކ. މާފުއްޓާ ހަމައަށް ގޮސް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައި ވެއެވެ.