އިހަވަންދޫއަކީ ރަށުގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ޓީމުތައް ކުޅިވަރުގެ މައިދާނުގައާއި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ރަށެކެވެ.
އެގޮތުން އިހަވަންދޫގެ އިރު އުތުރު ސަރަޙައްދަށް ނިސްބަތްވާ ކޮފަލި ޓީމުން 4 އަހަރުގެ މެދެކެނޑުމަކަށްފަހު، އިހަވަން ކަޕް ފުޓްބޯޅަ މުބާރާތާއެކު ބޮޑު މުބާރާތަކަށް އެނބުރި އައުމަށް ތައްޔާރުވަމުންދާކަމަށް އެޓީމުން ބުނެފިއެވެ.
އެގޮތުން ރަށުން ބޭރުން ޓީމާ ގުޅޭ ކުޅުންތެރިޔާ ފިޔަވައި އެހެން ކުޅުންތެރިންނާއެކު މުބާރާތުގެ ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި ޒުވާން ކުޅުންތެރިންނަށް މިފަދަ ބޮޑެތި މުބާރާތްތަކުން ތަޖުރިބާ ހޯދައިދިނުމަށް ކޮފަލިން އަބަދުވެސް އިސްކަން ދޭނެކަމަށް އެޓީމުން ބުނެއެވެ.
“މި ޓީމުން ތަޢާރަފުވި ކުޅުންތެރިން ބޮޑެތި ޓީމުތަކުގައި މޮޅަށް ކުޅޭތަން ފެންނާތީ އެކަމާ އުފާކުރަން. އަބަދުވެސް އިސްކަން މިދެނޭ ޒުވާނުންނަށް” ކަމަށާއި ޓީމުގެ މަޤުޞަދު ހާސިލްވަމުންދާތަން ފެންނަކަމަށް މިނޫހާ ވާހަކަ ދައްކަމުން ކޮފަލި ޓީމުގެ އިސްއޮފިޝަލަކު ބުންޏެވެ.
މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތަށް ޒުވާން ޓީމަކާއެކު ވާދަކުރިނަމަވެސް ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާއެކު އެހެންޓީމުތަކަށް ރަނގަޅު ރައްދެއް ދެވޭނެކަމަށް ކޮފަލި ޓީމުން ބުނެއެވެ.
އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮފަލި ޓީމުން ފެންނާނެ 6 ކުޅުންތެރިޔަކު އެޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާއިރު ސަޕްރައިޒްތަކާއެކު އެޓީމުގެ އިތުރު ކުޅުންތެރިން ތަޢާރަފު ކުރަމުންދާނެ ކަމަށް ކޮފަލިން ބުނެއެވެ.