ވިއްސާރައިގައި ބޮޑު ގެއްލުންތަކެއް!

adhuham

މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރޭ އިހަވަންދުއަށް ބޯކޮށް ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން ބޮޑެތި ގުއްލުންތަކެއް ލިބިއްޖެއެވެ.

ރޭގެ ކޮޅިގަނޑުގައި ބައެއް ގެތަކަށާއި ރުއްގަހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ވައި ގަދަވުމުގެ ސަބަބުން ބައެއް ގެތަކުގެ ފުރާޅު ވަޔަށް އެއްލާލައި، ބައެއް ރުއްގަސްތައް ވަނީ މުލުން ލުހި ވެއްޓިފައެވެ. މީގެ އިތުރުން ބަނދަރުގައި އަޅާފައިވާ ބައެއް އޮޑިދޯނި ފަހަރާއި ލޯންޗުތަކަށްވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރަށުގެ އަތިރިމަތީ ހުރި ކުޑަކުދިންގެ ޕާކްގެ ދެ އިމާރާތެއްގެ ޓިނުތައްވެސް ވަނީ ވަޔާއެކު ނައްޓައިގެން ގޮސް ފުރާޅު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މެޓް އޮފީހުން ވަނީ ރޭ ދަންވަރު 2 އަކުން ހެނދުނު 6 އަކަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. އަދި ގަޑިއަކު 34 މޭލައި 40 މޭލައި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައި ގަދަވެ، ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މިއަދުވެސް މިސަރަހައްދަށް ހެނދުނު 6 އަކުން ފެށިގެން މެންދުރު 1 އަކަށް ވަނީ ރީނދޫ ސަމާލުނެރެފައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

އިހަވަންދޫގެ އިތުރުން ކައިރި އެހެން ރަށްރަށަށް ވެސް ވަނީ މިވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ހޯރަފުށީގެ ބައެއް ގެތަކަށާއި ރުއްގަހަށްވެސް ގެންލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.