5 މާއްދާއިން ފާސްވި ކުދިންގެ އަދަދު 26 އިންސައްތަ މައްޗަށް

އިބްރާހިމް ނަޝީދު

އިހަވަންދޫ މަދަރުސާގެ 2012 ވަނަ އަހަރުގެ އޯލެވެލް ނަތީޖާ ދައްކާގޮތުން 5 މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 2011 ވަނަ އަހަރަށްވުރެއް 26 އިންސައްތަ މައްޗަށް ޖެހިފައި ވާކަމަށް އިހަވަންދޫ މަދަރުސާގެ ޕްރިންސިޕަލް ސައްޔިދު ކާޝިފު ރަޒާ ޒައިދީ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ އަހަރުގެ އޯލެވެލް ނަތީޖާއާ ބެހޭގޮތުން އިހަވަންދޫޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ވިދާޅުވީ 2011 ވަނަ އަހަރު އޯލެވެލް އިމްތީހާނުން 5 މާއްދާއިން ފާސްވެފައިވަނީ 28.3 އިންސައްތަ ދަރިވަރުން ކަމަށާއި ނިމިދިޔަ 2012 ވަނަ އަހަރު 55 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާ ކަމަށެވެ. ޕްރިންސިޕަލް އިތުރަށް ވިދާޅުވީ 5 މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު 4 އަހަރު ދުވަހުގެ ތެރޭގައި 60 އިންސައްތައަށް އިތުރު ކުރުމަކީ، 2009 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިއެކޭޝަނުން ކަނޑައަޅާފައިވާ ލަނޑުދަނޑި އެއް ކަމަށާއި އެލަނޑުދަނޑި ހާސިލްކުރުމަށް ސުކޫލުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އޯލެވެލް އިމްތިހާނުގެ ނަތީޖާއާއެކު ސުކޫލުގެ “އެކަޑެމިކް ޕާފޯމެންސް ސޮކޯރ” ގެ ގޮތުގައި މިއަހަރު 69.1 ޕޮއިންޓް ސުކޫލަށް ލިބިފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އެކަޑެމިކް ޕާފޯމެންސް ސޮކޯރ ގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޖުމްލަ ކަނޑައަޅާފައިވަނީ 96 ޕޮއިންޓެވެ. 2011 ވަނަ އަހަރު އިހަވަންދޫ މަދަރުސާއަށް އެކަޑެމިކް ޕާފޯމެންސް ސޮކޯރ ގެ ގޮތުގައި ލިބިފައިވަނީ 44.4 ޕޮއިންޓެވެ.

އެހެން ކަމުން 2012 ވަނަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށާއި ސުކޫލަށް މިފަދަ ކާމިޔާބީއެއް ﷲ ގެ ހެޔޮރަޙުމަތްފުޅުން މިލުބުނީ ސުކޫލުގެ އެންމެހައި މުޥައްޒަފުންނާއި ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން ކުރިމަސައްކަތުން ކަމަށް ވިދާޅުވެ ޕްރިންސިޕަލްވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.