Banner Image Description

މިއަހަރު ނަރުދަމާގެ ނިޒާމު މަސައްކަތް ފެށޭނެ: ތިމާވެށީގެ މިނިސްޓްރީގެ ވޯރކް ޕްލޭން 2013

މުޙައްމަދު އިމްރާން

މިއަހަރު މުޅިންއަލަށް ފެނުގެ ނިޒާމު ޤާއިމްކުރާ ރަށްތަކާއި، ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާރަށްތައް ހިމެނޭ 2013ގެ ވޯރކު ޕްލޭން، ތިމާވެށީގެ މިނިސްޓީން މިއަދު އިޢުލާނު ކުރިއިރު، ނަރުދަމާގެ ނިޒާމް ޤާއިމުކުރަން ފެށުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހއ.އިހަވަންދޫ ވަނީ ހިމަނާފައެވެ.

އެމިނިސްޓުރީގެ ވޯރކު ޕުލޭންގައި ވާގޮތުން، މިއަހަރު މުޅިން އަލަށް 15 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، 47 ރަށެއްގައި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

އެންވަރޔަރު މިނިސްޓުރީގެ ވޯރކުޕުލޭން 2013 ލޯންޗުކުރުމަށް މިއަދު ޝީ ބިލްޑިންގ ގައި ބޭއްވި ޙާއްޞަ ހަފުލާގައި ތިމާވެށީގެ މިނިސްޓްރީގެ ސުޓޭޓު މިނިސްޓާރ ޢަބްދުލް މަޠީން މުޙައްމަދު ހާމަކުރެއްވިގޮތުގައި، ނަރުދަމާ ޤާއިމުކުރުމާއި، ފެނުގެ މަޝްރޫޢު ޤާއިމު ކުރުމުގެ މަސައްކަތްތަކަކީ، ގިނަދުވަސްނަގާ މަސައްކަތްތަކަކަށް ވާއިރު، މިއަހަރު މިމަސައްކަތްތައް ފަށާ ރަށްރަށުގައި މިއަހަރު ސީދާ މަސައްކަތްތައް ނުނިމުނު ކަމުގައި ވީނަމަވެސް، މިއަހަރު ތެރޭގައި މިމަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެއެވެ.

ތަމާވެށީގެ މިނިސްޓުރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 5 ރަށެއްގައި، ހިލޭއެހީގެ ދަށުން 4 ރަށެއްގައި ފެނުގެ ނިޒާމް މިއަހަރު ޤާއިމުކުރުމަށް ހަމަޖެހިފާ ވާއިރު، ބާކީ 6 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރާނީ، ލޯނު އެހީގެ ދަށުންނެވެ. އަދި ހަމައެހެންމެ ޖުމްލަ 32 ރަށެށްގައި ސަރުކާރު ބަޖެޓުން ނަރުދަމާގެ މަޝްރޫއަށް ޚަރަދުކުރުމަށް ނިންމާފައިވާއިރު، 13 ރަށެއްގައި ލޯނު އެހީގައި މިމަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި 2 ރަށެއްގައި މިމަސައްކަތް ފެއްޓުމަށް ހަމަޖެހިފައިވަނީ ސީއެސްއާރުގެ ދަށުންނެވެ.

ތިމާވެށީގެ މިނިސްޓުރީން ހާމަކޮށްފައިވާ ވޯރކު ޕުލޭން 2013 ގައިވާގޮތުން، އިހަވަންދޫގެ ނަރުދަމާ ނިޒާމަށް ޖުމްލަ 4 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާއިރު، މި ޚަރަދު ކުރުމަށް ކަނޑައަޅާފައިވަނީ ސީދާ ސަރުކާރުގެ ބަޖެޓުންނެވެ. އަދި މިމަސައްކަތް ފެށޭނެކަމަށް ލަފާކޮށްފައިވާ ތާރީޚަކީ، މިއަހަރުގެ މެއި މަހުގެ 14 ވާ އަންގާރަ ދުވަހެވެ. އަދި ނިމޭނެކަމަށް ލަފާކޮށްފައިވާ ތާރީޚަކީ، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 21 ވާ އާދިއްތަ ދުވަހެވެ.

މީގެއިތުރުން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިއަހަރު ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފަށާނެކަމަށް އިޢުލާނުކޮށްފައިވާ ހއ އަތޮޅުގެ ރަށްތަކަކީ، ހޯރަފުށި، ކެލާ، ފިއްލަދޫ، ތަކަންދޫ އެވެ. އަދި މިކަމަށް ޖުމްލަ 15.7 މިލިޔަން ރުފިޔާ ސަރުކާރު ބަޖެޓުން ޚަރަދުކުރާނެއެވެ. އެއީ، ހޯރަފުށްޓަށް 5 މިލިޔަން، އިހަވަންދޫއަށް 4 މިލިޔަން، ފިއްލަދޫއަށް 3.7 މިލިޔަން އަދި ތަކަންދޫއަށް 3 މިލިޔަނެވެ. ސަރުކާރު ބަޖެޓުން މިރަށްތަކަށް ޚަރަދުކުރަން ހަމަޖެހިފައިވާއިރު، ލޯނު އެހީއާއި ހިލޭއެހީގެ ދަށުން ނަރުދަމާގެ މަސައްކަތްތައް ފަށާ ރަށްތަކުގެ ލިސްޓުގައި ހއ ގެ ރަށެއް ހިމެނިފައި ނުވެއެވެ.