ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދޭ

އިބްރާހިމް ނަޝީދު

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސް ގުޅިގެން “މުޖުތަމަޢުގެ ރައްކާތެރިކަން – އެންމެންގެ އެއްބާރުލުން” މި ޝިޔާރުގެ ދަށުން ހޭލުންތެރި ކުރުމުގެ ސިލްސިލާ ޕްރޮގުރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އަދި ހއ. އިހަވަންދޫ ގެ ސުކޫލު ދަރިވަރުންނަށާއި ބެލެނިވެރިން އަދި މުދައްރިސުންގެ އިތުރުން ވަކިވަކި މުއައްސަސާ ތަކަށް އަމާޒުކޮށްގެން މިމަހު 17 ގައި ފެށި މިޕްރޮގްރާމް މިހަފްތާތެރޭ ނިމޭއިރު މިޕްރޮގްރާމްގެ ދަށުން މާރަންދޫ އަދި ތަކަންދޫގައި ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް މިހާރުވަނީ ނިމިފަ އެވެ.

މިމަހުގެ 17 ވަނަ ދުވަހު މިޕްރޮގްރާމް ފަށާފައިވަނީ މާރަންދޫ އިންނެވެ. ދެ ދުވަހުގެ މުއްދަތަށް އެކި ސެޝަންތަކަށް ބަހާލައިގެން މާރަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެރަށުގެ މީހުން ދިރިއުޅޭ ގެ ތަކަށް ޒިޔާރަތްކޮށް ގޭގެ މުދަލާއި އަގުބޮޑެތި ސާމާނުތަކަށް ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ބޭނުންތެރި ތަފާތު މައުލޫމާތު ދީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީފައި ވެއެވެ. އަދި މާރަންދޫ ސުކޫލުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް “ތިމާ ބޭނުންވާގޮތަށް ކަންތައްކުރުން” އަދި “ރިލޭޝަންޝިޕް” އާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން މާރަންދޫ ސުކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް “ޗައިލްޑް އެބިޔުސް” އާ ބެހޭގޮތުން މައުލޫމާތު ދީފައިވާއިރު، މާރަންދޫ ސުކޫލުގެ މުދައްރިސުންނަށް އަމާޒުކޮށްގެން “އެބިޔުސް” އާ ބެހޭގޮތުން މިޕްރޮގްރާމްގައިވަނީ މައުލޫމާތު ދީފައެވެ.

މިމަހުގެ 19 އިން ފެށިގެން 2 ދުވަހުގެ މުއްދަތަށް ތަކަންދޫގައި ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި އެރަށު ސުކޫލުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް “ރަނގަޅު ސިފަތައް” މިމަޢުޟޫގެ ދަށުން ވަނީ މައުލޫމާތު ދީފަވާއިރު  ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންނާއި ތަކަންދޫ ސުކޫލުގެ މުދައްރިސުންގެ އިތުރުން ޕްރީ ސްކޫލުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުޑަކުދިންނަށްކުރާ އަނިޔާތައް ހުއްޓުވުމާ ބެހޭގޮތުން ވަނީ މައުލޫމާތު ދީފައެވެ. އަދި ތަކަންދޫ ސުކޫލުގެ ބެލެނިވެރިންނަށާއި އެރަށު ސިއްޙީ މަރުކަޒުގެ ނަރުހުންގެ އިތުރުން ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކާއި ކުޑަކުދިންނަށް ބޮޑެތި މީހުން ކުރާ ކުށްތަކާއި އަނިޔާތަކާ ބެހޭގޮތުން މިޕްރޮގްރާމްގެ ދަށުންވަނީ މައުލޫމާތު ދީފައެވެ.