Banner Image Description

އިންޓަރނެޓާއި ކޭބަލް ޓީވީ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށައިފި

ޢަބްދުލްމާނިޢު ޙުސައިން

އިހަވަންދޫ އަށް އިންޓަރނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ޕްރެޖެކްޓްގެ އަމަލީ މަސައްކަތްތައް ފަށައިފި އެވެ. މި ޕްރެޖެކްޓަކީ އިހަވަންދޫ ކައުންސިލާއި ސެޓް ލިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2012 ސެޕްޓެމްބަރު މަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ބޭނުމަކީ އިހަވަންދޫ ރައްޔިތުންނަށް ހަރުދަނާ އަދި ޒަމާނީ ނިޒާމެއްގެ ދަށުން ކޭބަލް ޓީވީގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އިހަވަންދޫގައި ގާއިމުކުރެވޭ ވިއުގަ އެކުލަވާލައި، ފަސޭހަ އަދި އަތް ފޯރާ އަގުގައި މި ޚިދުމަތްތައް ދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެ އެވެ.

މި ޕްރޮޖެކްޓަށް 713684 ރުފިޔާ ޚަރަދު ވާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. މި ޕްރޮޖެކްޓްގެ 51 އިންސައްތަ ޚަރަދާއި، މި ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ސެޓް ލިންކް ޕްރައިވެޓް ލިމިޓެޑުން ކުރާއިރު، އިހަވަންދޫ ކައުންސިލުން މި ޕްރޮޖެކްޓަށް ޚަރަދު ކުރާނީ 49 އިންސައްތަ އެވެ. އަދި މި އިންވެސްޓްމެންޓުން ލިބޭ ފައިދާގެ 51 އިންސައްތަ ސެޓް ލިންކް ޕްރައިވެޓް ލިމިޓެޑަށް ލިބޭއިރު، އިހަވަންދޫ ކައުންސިލަށް ލިބޭނީ 49 އިންސައްތަ އެވެ.

ސެޓް ލިންކް ޕްރައިވެޓް ލިމިޓެޑާއި އިހަވަންދޫ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އޮންނަގޮތުން އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އިންޓަރނެޓްގެ ޚިދުމަތް ފަށަން ޖެހެ އެވެ. އަދި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ޚަރަދުގެ 49 އިންސައްތައިގެ 50 އިންސައްތަ އަށްވާ ފައިސާ ކައުންސިލުން ކުންފުންޏާ ޙަވާލުކުރާތާ 6 މަސް ދުވަހުގެ ތެރޭގައި ކޭބަލް ޓީވީގެ ޚިދުމަތް ފަށަން ޖެހެ އެވެ.

މި ޕްރޮޖެކްޓް ރޭވިފައިވާ ގޮތުން އިންޓަރނެޓްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ވަޔަރލެސް ވިއުގައެއްގެ ތެރެއިންނެވެ. މި ވިއުގަ އެކުލަވާލުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ވިއުގަ އަށް ބޭނުންވާ 80 ފޫޓްގެ އެންޓަނާ މިހާރު ވަނީ ހަރުކޮށް ނިމިފަ އެވެ. އަދި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ޚިދުމަތް ފަށާގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިހަވަންދޫ ކައުންސިލުން މަޢުލޫމާތުދެ އެވެ.

ވަރަށް އަވަހަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ފަށާގަނެވޭނެ ކަމަށާއި، މިހާރު ކުރިއަށް ދަނީ ކޭބަލް ޓީވީގެ ޚިދުމަތަށް ބޭނުންވާ ކޭބަލް ހޯދައި، ކޭބަލް ވަޅުލުމުގެ އިންތިޒާމްތަކަށް ތައްޔާރުވުން ކަމަށާއި، ކޭބަލް ވަޅުލާ ނިމުމުން އިންޓަރނެޓްގެ ޚިދުމަތް ވެސް ކޭބަލްގެ ޒަރީޢާއިން ވެސް ފޯރުކޮށްދެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އަދި ކޭބަލް ޓީވީގެ ޚިދުމަތް ފަށާގަނެވެންދެން ވަޔަރލެސް ވިއުގައިގެ ތެރެއިން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި، އެކަމުގެ ފަންނީ ލަފާ ލިބުމުން އެކަމަށް ވެސް ގޮތެއް ނިމިގެން ދާނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ސެޓް ލިންކް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫ ކައުންސިލަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި މި މަޝްރޫއުގެ ދަށުން އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ އަގުތައް ބަޔާންކޮށްފައިވެ އެވެ. މިގޮތުން އަންލިމިޓެޑް ޕެކޭޖްތަކަށް ބަލާއިރު، މަހަކު 300 ރުފިޔާ އަށް 128 ކޭބީޕީއެސް ސްޕީޑްގައި، މަހަކު 500 ރުފިޔާ އަށް 256 ކޭބީޕީއެސް ސްޕީޑްގައި، މަހަކު 700 ރުފިޔާ އަށް 512 ކޭބީޕީއެސް ސްޕީޑްގައި، އަދި މަހަކު 1200 ރުފިޔާ އަށް 1 އެމްބީޕީއެސް ސްޕީޑްގައި ހޯމް ޔޫސާރސް އަށް ލިބެންހުރެ އެވެ. އަދި ވިޔަފާރި ޔޫސާރސް އަށް ޝައެރ ކުރެވޭ ގޮތަށް މަހަކު 2500 ރުފިޔާ އަށް 256 ކޭބީޕީއެސް ސްޕީޑްގައި، މަހަކު 4500 ރުފިޔާ އަށް 512 ކޭބީޕީއެސް ސްޕީޑްގައި، މަހަކު 8500 ރުފިޔާ އަށް 1 އެމްބީޕީއެސް ސްޕީޑްގައި، އަދި މަހަކު 15030 ރުފިޔާ އަށް 2 އެމްބީޕީއެސް ސްޕީޑްގައި ލިބެންހުރެ އެވެ.

ލިމިޓެޑް ޕެކޭޖްތަކަށް ބަލާއިރު، ޝެއަރ ކުރެވޭގޮތަށް، 512 ކޭބީޕީއެސް ސްޕީޑްގައި 10 ޖީބީ 299 ރުފިޔާ އަށް 15 ޖީބީ 399 ރުފިޔާ އަށް 20 ޖީބީ 499 ރުފިޔާ އަށް، 1 އެމްބީޕީއެސް ސްޕީޑްގައި 10 ޖީބީ 599 އަށް 20 ޖީބީ 950 އަށް އަދި 2 އެމްބީޕީއެސް ސްޕީޑްގައި 40 ޖީބީ 1450 އަށް ލިބެންހުރެ އެވެ.