ކޮވިޑް-19 އިން ދިފާއުވުމަށް އިތުރު ދެ ވެކްސިނެއް ބޭނުން ކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހުއްދަ ދީފިއެވެ.
މިއަދު ހުއްދަ ދެވުނު ދެ ވެކުސިނާއެކު ރާއްޖޭގައި ހުއްދަދެވުނު ކޮވިޑު ވެކުސިންގެ އަދަދު ވަނީ 6 އަށް އަރާފައެވެ. ރާއްޖޭގައި މިވަގުތު ހުއްދަ ދީފައިވާ ވެކްސިން ތަކަކީ ފާއިޒާ، ކޮވިޝީލްޑް، ސިނޮފާމް، ސްޕުޓްނިކް ވީ، މޮޑާނާ އަދި ޖެންސެން އެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ޖެންސެންއިން އުފައްދާފައިވާ ވެކްސިން، “ކޯވިޑް-19 ޖެންސެން ވެކްސިން”އާއި، މޮޑާނާ ވެކްސިން ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، މި ދެވެކްސިން ބޭނުން ކުރުމަށް ހުއްދާ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް “ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން” ގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، މި ވެކްސިންތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަކަ ކުރުމަށްފަހު ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާ އެކު ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، ޖޯންސަން އެންޑް ޖޯންސަންގެ މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި މިހާތަނަށް 42 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެއް ކަމަށެވެ. އަދި މޮޑާނާ ވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި މިހާތަނަށް 49 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެއް ކަމަށެވެ.
މޮޑާނާ ވެކްސިނަކީ އޭގެ ފުރަތަމަ ޑޯޒު ޖަހާތާ 28 ދުވަސް ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހޭ ވެކްސިނެކެވެ. ކޮވިޑު ބަލިން ދިފާޢު ވުމަށްޓަކައި ޖެންސެން ވެކްސިން ވެކްސިންގެ ޖަހަން ޖެހެނީ 1 ޑޯޒް އެވެ. މިހާތަނަށް ކުރެވިފައިވާ ތަހުލީލުތަކުން ދައްކާ ގޮތުގައި ޖެންސެން ވެކްސިންގެ އެފިކަސީ ރޭޓަކީ 85.4 އިންސައްތައެވެ. އަދި މޮޑާނާ ވެކްސިންގެ އެފިކަސީ ރޭޓަކީ 92 އިންސައްތަ އެވެ.