އެހެން ދީންތަކަށް ފުރުސަތު ދޭކަށް ސަރުކާރުން ބިލެއް ހުށައެއްނާޅާ- މެންބަރު ޝިފާޢު

މުހައްމަދު ޢަބުދުއްޞަމަދު

ސަރުކާރުން އެހެން ދީންތަކަށް ފުރުސަތު ދޭކަށް ބިލެއް ހުށައެއްނާޅާ ކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ.

މެންބަރު ޝިފާޢު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ދެކޮޅަށް އިހަވަންދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެ، އެބިލް ފާސްކުރުމަށް ވޯޓް ނުދިނުމަށް މެންބަރުގެ ކިބައިން އެދިލައްވާފައިވާ ވަގުތެއްގައި މިނޫހަށް ދެއްވި ބަސްދީގަތުމެއް ގައެވެ.

ޝިފާޢު ވިދާޅުވީ، ސަރުކާރުން ހުށައަޅާފައިވާ ބިލަކީ މާތް الله سبحانه و تعالى  ހުރުމަތް ކުރެއްވި ފުރާނަ ހިފުމަށާއި ލޭހުއްދަކުރަން ގޮވުން ފަދަ ކަންކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ” ސިޔާސީ ފަރާތްތަކުގެ އަވާގައިޖެހި މީހުން މަރަން ގޮވުމަށައި ލޭ ހުއްދަކުރުމަށް ގޮވުމަށް ހިތްވަރުދިނުން ރަނގަޅެއްނޫން” ޝިފާޢު ވިދާޅުވިއެވެ.

ގާނޫނު އުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އާއްމުންގެ ގިނަ ބަޔަކު ދެކެނީ އެބިލަކީ “ލާދީނީ” ކިއުން ހުއްޓުވަން ހުށަހެޅި ބިލެއްގެ ގޮތުގަ އެވެ.