Banner Image Description

އެއްހަމަ ހަވީރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވުނު ހަވީރު

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުން އިސްނަގައިގެން އިއްޔެ އިހަވަންދޫގައި ބޭއްވި އެއްހަމަ ހަވީރު މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާގޮތުން އެގުރޫޕުން ބޭއްވި ހަވީރެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމާއި އަޅުގަނޑުމެން އެންމެންވެސް ތިބީ އެފަރާތްތަކާ އެކުގައިކަން އެފަރާތްތަކަށް އިހުސާސް ކޮށްދީ، އެފަރާތްތަކުގެ އިހުސާސްތައް އަޑުއަހައި ، މުޖުތަމަޢުގެ ތެރޭގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުސަދުގައި ބޭއްވި މިހަވީރު ފައްޓަވާދެއްވާފައި ވަނީ އިހަވަންދޫގައި މިވަގުތު ތިއްބެވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންނެވެ. އެއްހަމަ ހަވީރު ފެށިގެން ދިޔައީ އިހަވަންދޫގެ ދެކުނު ފަރާތު ބަނދަރުމަތިން މިހަވީރަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށް އާއްމު ފަރާތްތައް ވަނުމަށްޓަކައި ގޭޓުގައި ދަމާފައިވާ ރިބަންފަށް ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކު ކަނޑާލަދިނުމާއެކު އެވެ.

ހަވީރަށް ޒިޔާރާތްކުރުމަށް ގިނަ ބަޔަކު ކިޔުހަދާފައި އޮތްއިރު ކިޔުގެ އިސްސަފުގައި ތިއްބެވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކެވެ. މިފަރާތްތަކުން ވަނީ އެއްހަމަ ހަވީރަށް ޒިޔާރަތްކުރި އެންމެހާ ކުޑަކުދިންނަށް ކަޕްކޭކު ހަދިޔާކޮށްފައެވެ.  

އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުން ބޭއްވި އެއްހަމަ ހަވީރުގައި އިހަވަންދޫ ޕޮލިސް، ކުލަބު ޕޯލްސްޓަރ، އިމަގު ޖަމިއްޔާ، އިހަވަންދޫ ސްކައުޓް ގުރޫޕު، ފެނަކަ އިހަވަންދޫ ބުރާންޗު އަދި އާމިނާދިޔޯ ސިއްހީމަރުކަޒުން ބައިވެރިވެ ސްޓޯލް ތައް ބަހައްޓާފައި ވެއެވެ.  ހަވީރަށް ޒިޔާރަތްކުރި ކުޑަކުދިން ވަނީ މި ސްޓޯލްތަކުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުން މިހަވީރުގެ ތެރެއިން ކުރިއަށްގެންގޮސްފައި ވެއެވެ. މިގޮތުން ހުނަރު ދައްކާލުމުގެ ހަރަކާތް ފެށިގެން ދިޔައީ ދުވަހާ ގުޅޭ ބަންޖެއް ހުށައަޅާދެމުންނެވެ. މިހަރަކާތުގެތެރެއިން އިހަވަންދޫގައި މިވަގުތު ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ބައެއް ކުދިންގެ ހުނަރުތައް ދައްކާލާފައިވެއެވެ.

އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުގެ ފަރާތުން ވަނީ މިހަވީރުގައި، ހަވީރުގެ ޝަރަފުވެރިން ކަމަށްވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފައިސާގެ ހަދިޔާ ދީފައެވެ. މިގޮތުން އެގުރޫޕުގެ ފަރާތުންދޭ ފައިސާގެ ހަދިޔާއާއި ޕޮއިސް އިން ހުށައަޅާފައިވާ ގިފްޓުޕެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހަވާލުކޮށްފައެވެ. ހަދިޔާ ހަވާލުކޮށްދީފައި ވަނީ މިގުރޫޕުގެ މެމްބަރުންނެވެ.

އެއްހަމަ ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސް ނިންމާލުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުގެ ފަރާތުން ވަނީ ޝުކުރުދަންނަވާފައެވެ.