Banner Image Description

މާރަންދު އާއި މޮޅަދޫ ގެ ލޭންޑް ޔޫސް ޕްލޭން ހަދާދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

މުހައްމަދު ޢަބުދުއްޞަމަދު

ހއ. މާރަންދު އާއި މޮޅަދޫގެ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދަން  ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން  ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދަން  ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި 44 ރަށެއް ހިމެނެއެވެ. މި 44 ރަށްވަނީ 7 ޕެކޭޖަކަށް ބަހާލައިފައެވެ.

މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްޕެކޭޖަށް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް އިއުލާންގައި ވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 4 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 1300 ނިޔަލަށް “އެކްސްޕްރެޝަން އޮފް އިންޓަރަސްޓް” ފިނޭންސް މިނިސްޓްރީއަށް އީމެއިލްގެ ޒަރީއާއިން ހުށަހެޅުއްވުމަށް އެމިނިސްޓްރީން  އެދިލައްވައެވެ.