އިމަގުން ލިޔުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެއް

މުހައްމަދު ޢަބުދުއްޞަމަދު

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، އިމަގު ޖަމުޢިއްޔާ އިން ލިޔުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެއް ހުޅުވާލައިފި އެވެ. މިއީ އެ ޖަމުޢިއްޔާ އާއި ދިވެހިބަހުގެ އެކަޑަމީ އާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

“މުސައްނިފު” ނަމުގައި ކުރިއަށްގެންދާ މި ކޯސް އަމާޒުކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރުންނަށެވެ. އިމަގުން މައުލޫމާތު ދިންގޮތުގައި މިކޯހުގައި ކުރިއަށްގެންދަނީ، އެސް.އެސް.ސީ އިމްތިޙާނުގައި، ޓެސްޓްކުރެވޭ ލިޔުންތެރިކަމުގެ ބައިތަކެވެ. 20 ގަޑި އިރަށް ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދެނީ:

  • ލިޔުންތެރިކަމުގެ ވައްޓަފާޅި އާއި ބާވަތްތަކާއި ވައްތަރުތައް.
  • މަޒުމޫނުގެ ތަޢާރަފާއި އޮނިގަނޑާއި ފެށުމުގެ އޮނިގަނޑު.
  • މަޒުމޫނުގެ މައިގަނޑު ޕެރެގްރާފުތަކުގެ އޮނިގަނޑާއި ނިންމާ ޕެރެގުރާފުގެ އޮނިގަނޑު.
  • އޮޅުންފިލުވައިދޭ ލިޔުމުގެ ތަޢާރަފާއި ސިފަތައް.
  • ދެކޭގޮތް ހާމަކުރާ ލިޔުމުގެ ތަޢާރަފާއި ސިފަތައް.
  • އިރުޝާދުދޭ ލިޔުމުގެ ތަޢާރަފާއި ސިފަތައް.
  • އެއްކޮޅަށް ބަހުސްކުރާ ލިޔުމުގެ ތަޢާރަފާއި ސިފަތައް.
  • ދެކޮޅަށް ވާހަކަދައްކާ ލިޔުމުގެ ތަޢާރަފާއި ސިފަތައް.
  • ރިކައުންޓްގެ ތަޢާރަފާއި ސިފަތަކެވެ.

މިކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން  ކޯސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ލިބޭނެ އެވެ. އެޖަމުޢިއްޔާއިން ދެކޭގޮތުގައި އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިބަހުން އޭ ފާސް ހޯދަން މަސައްކަތްކުރާ ދަރިވަރުންނަށް މިއީ ރަނުގެ ފުރުޞަތެކެވެ.

އިމަގުން ބުނީ މިކޯހުގައި ކިޔަވައިދެއްވާނީ މަޝްހޫރު ދިވެހި މުދައްރިސް އަދި އިމަގު ލިޓްރޭޗަރ ސެކްޓްރީ ފަތުޙުﷲ އަހުމަދެވެ. ފަތުޙުﷲ އަހުމަދަކީ ދިވެހިބަހުގެ ދާއިރާއިން މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން 2021 ޖޫން 24 ވަނަ ދުވަހުގެ ކުރިން، ބައިވެރިވާން އެދޭފޯމް ފުރިހަމަކޮށް ހުށަހެޅުމަށް އެ ޖަމުއިއްޔާއިން އެދެއެވެ. މިކޯހުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ކޯސް ފެށޭނީ ޖުލައި 8 ގައެވެ. ފޯމްގެ ލިންކު: http://bit.ly/musanifu

މިއީ އިމަގު ޖަމުއިއްޔާއަށް 25 އަހަރު ފުރުމާ ގުޅުވައިގެން ހިންގާ ރިހިޔޫބިލް ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.