ޔުނިޓީ އަދި މަސްވެރި އިހަވަންދޫ ގުޅިގެން އިހަވަންދޫގެ މަގުތައް ރީތިކުރުމަށް ޙާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދަން ތައްޔާރުވަމުން އެބަދެއެވެ.
މި ހަރަކާތާ ބެހޭ މައުލޫމާތު ދެއްވަމުން ޔުނިޓީގެ ރައީސް ޙުސައިން ރީޙާން ވިދާޅުވީ މި ޕްރޮގްރާމަކީ އިހަވަންދޫގެ މަގުތަކުގައި ހިނގައި، ދުއްވާ ތަކެތި ދުއްވުމަށް ދަތިވާވަރަށް މަގުތަކުތައް ހަލާކުވެ އަޑިގުޑަންތައް ގިނަވެފައިވާތީ އެކަމަށް ކުޑަނަމަވެސް ޙައްލެއް ހޯދުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ.
ޖޫން 26 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ މި ޕްރޮގްރާމުގެ ތެރެއިން މަގުތަކުގެ އަޑިގުޑަންތައް އެއްވަރުކުރުމާއި މަގުތަކުގައި އަޑިގުޑަންތައް ހެދޭ ސަބަބުތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ ކަމަށް ރީޙާން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި އިސްވެ ޙަރަކާތްތެރިވާ ޔުނިޓީ އަދި މަސްވެރި އިހަވަންދޫގެ ފަރާތުންވަނީ އިހަވަންދޫ ކައުންސިލާ ބައްދަލުކޮށް މި ޕްރޮގްރާމާ ބެހޭގޮތުން މާޝްވަރާކޮށްފައެވެ.
އިހަވަންދޫ ކައުންސިލުން ވިލަރެސްކުރާ ރީތި މަގު ޙަރަކާތުގައި އިހަވަންދޫގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ޓީމުތައް ބައިވެރިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އިހަވަންދޫގެ ކުލަބު ޖަމްޢިއްޔާތަކާއި މުއައްސަސާތަކާ ވާހަކަ ދައްކަމުން ދާކަމަށް ޔުނިޓީގެ ރައީސް މައުލޫމާތު ދެއްވިއެވެ.
4 ފިޔަވައްސަށް ބަހާލައިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރިގްރާމުގައި އިހަވަންދޫގެ ވީހާވެސްގިނަ ރައްޔިތުން ބައިވެރިވުން އެދޭކަމަށް ރީޙާން ވިދާޅުވިއެވެ.