ޝަރަފުގެ ހިނގާލުމާއެކު އިހަވަންދޫގައި ހަވާ އަރުވައިފި

ޢަބުދުﷲ ޙަމީދު

ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު އިހަވަންދޫގައި މިރޭ ހަވާ އަރުވައިފިއެވެ.

މިއަދު ހަވީރު އިހަވަންދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި ޝަރަފުގެ ހިނގާލުން ބަލާލުމަށް އާންމުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައެވެ. އަދި މިރޭ ބޭއްވި ހަވާއެރުވުމުގެ ހަރަކާތް ބެލުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ބަނަދަރުމައްޗަށް ޖަމާވެފައި ވެއެވެ.

އިހަވަންދޫގައި މިއަދު ބޭއްވި ޝަރަފުގެ ހިނގާލުން ކުރިއަށްގެންގޮސްފައި ވަނީ ރަށުގެ ބޮޑެތި މަގުތަކުގައި ހަވީރު 4:00 އިން 5:30 އަށެވެ. މިރޭ 8:15 ގައި އިހަވަންދޫ ދެކުނު ފަރާތު ބަނދަރު ސަރަހައްދުގައި ހަވާ އަރުވާފައި ވާއިރު ހަވާ އަރުވާފައި ވަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު އެވެ.

އުތުރުގެ ތިން ރަށުގައި ސިފައިން ބޭއްވި ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުމުގެ ހަރަކާތަކީ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފު އެމްއެންޑީއެފްއިން ބޭއްވި ހަރަކާތެކެވެ. އެމްއެންޑީއެފުން ޝަފަރުގެ ހިނގާލުމާއި ހަވާއެރުވުން ބާއްވާފައި ވަނީ ހއ.ދިއްދޫ އާއި އިހަވަންދޫގެ އިތުރުން ހދ.ކުޅުދުއްފުށީގެ އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކުއާޓަރ ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުން އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތައް ބާއްވަމުން އައިސްފައިވަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރގައެވެ.