އިހަވަންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދު ހަވީރުވަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބައުންޑަރީ ވޯލް ޖެހުމުގެ މަސައްކަތް ފަށާފައެވެ. އެމްޓީސީސީގެ އޮފިޝަލަކު މިނޫހަށް މައުލޫމާތު ދިންގޮތުގައި މިއަދު ފެށިފައިވާ މަސައްކަތުން ބައުންޑަރީ ވޯލް ހެދުމާއިއެކު ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެއެވެ.

ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވަނީ އިހަވަންދޫ ރައްޔިތުންނަށް މަރުހަބާ ކިއުއްވާފައެވެ. އަދި އިހަވަންދޫ ރައްޔިތުންގެ މިހުވަފެން ހަޤީގަތަކަށް ހައްދަވައި ދެއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އިހަވަންދޫގެ ރައްޔިތުންގެ ނަމުގައި ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، 10 ނޮވެމްބަރ 2020 ގައި އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 123,960,847.77 (ސަތޭކަ ތޭވީސް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހާސް އަށްސަތޭކަ ސާޅީސް ހަތްރުފިޔާ ސަތުހަތްތަރި ލާރި) އަށް އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުންވެސް ހިމަނާފައިވެއެވެ.