ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ. އެގޮތުން އެމުބާރާތުގައި މިއަދާއި މިރޭ ކުޅެން ހަމަޖެހިފައިވާ ތިން މެޗްވަނީ މާދަމާއާއި މާދަމާ ރެއަށް ފަސްކޮށްފައެވެ.
ކްލަބް ޕޯލްސްޓާގެ އޮފިޝަލަކު ވިދާޅުވީ މުބާރާތުގެ ޝެޑިއުލަށް މިއައި އައިބަދަލާއިއެކު ހުރިހާ ޓީމަކަށްވެސް އެކަމުގެ އަސަރު ކުރާނެއެވެ. އެގޮތުން ކޮންމެ ޓީމެއްކުޅެންޖެހޭ މެޗް އެއްދުވަސް ލަސްވެގެން ދާނެއެވެ. މިމަހުގެ 20 ވަނަދުވަހުގެ ރޭ ފެށި މިމުބާރާތުގައި އިހަވަންދޫގެ 8 ޓީމާއި ރަށުން ބޭރު 7 ޓީމެއް ވާދަކުރާއިރު މިހާތަނަށްވަނީ 4 މެޗެއް ކުޅެފައެވެ.
މޫސުމާއިބެހޭ އިދާރާއިން ލަފާކުރާގޮތުގައި މިއަދުގެ ހެނދުނު 10:00 މާދަމާގެ ހެނދުނު 10:00 އަށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެތީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެއިދާރާއިން އެދެއެވެ.