Banner Image Description

ހިލޭ ސާބަހަށް ބަނދަރު ސަރަހައްދު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މިކަމަށްއެދި އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ ހިލޭ ސާބަހަށް ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލީ، ހިލޭ ސާބަހަށް ބަނދަރުމަތި ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީއެވެ.

ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ފަރާތްތަކުން، 14 އޮކްޓޯބަރު 2021 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް، ބަނދަރުމަތީގެ ކޮންސެޕްޓް ޑިޒައިން ހުށަހަޅަންޖެހެއެވެ.

ބަނދަރުގެ ކޮންސެޕްޓް ޑިޒައިންކުރާއިރު ބައެއް ބައިތައް ހިމަނަން ކައުންސިލުން އެދެއެވެ. އެއީ ރަސްމީ ފާލަން، ލޯކަލް މާރުކޭޓް، މަސް މާރުކޭޓް، ކޮމާރޝިއަލް އޭރިޔާ ( ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް )، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް، ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް، ބަނދަރު ފެހިކުރުމަށް ގަސް އިންދުން، ޕޭ ޓޮއިލެޓް، ވިޔަފާރި ގުދަންތައް، ތެޔޮ ވިއްކާތަންތައް ރިލޮކޭޓްކުރާނެގޮތް، ބަނދަރު އޮފީސް އަދި މީހުން އިށީނުމަށް ހަޓް / ބެންޗުތަކެވެ. އަދި މިނޫން ބައިތައްވެސް ކޮންސެޕްޓްގައި ހިމެނިދާނެކަމަށް ކައުންސިލުން ބުނެއެވެ.