Banner Image Description

ދުމުގެ ސަބަބުން ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުނިގޮނޑުގައި ވަރަށްބޮޑަށް އަލިފާން ރޯވެ ދުން އަރަމުން ދިޔުމުގެ ސަބަބުން އިހަވަންދޫ ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މިއަދު ހެނދުނުން ފެށިގެން ގޮނޑުންދިޔައީ ވަރަށްބޮޑަށް، ރަށުތެރެއަށް ދުން އަރަމުންނެވެ. ނަމަވެސް ސްކޫލްގެ އިންޓަވަލް ގަޑިއަށްފަހު މާބޮޑަށް ދުންއަރަންފެށުމުން ސްކޫލްގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން މެދުކަނޑައިލުމަށްފަހު ކުދިން ވަނީ ގެޔަށްފޮނުވާލާފައެވެ.

ކުނޑިގޮނޑު ވަރަށްބޮޑަށް އަނދަމުން ދިޔުމުގެ ސަބަބުން ރަށުތެރެއަށް ދުން އަރަމުން ދާތީ ރަށުގެ އިރު އުތުރު ސަރަހައްދުގައިހުރި ގެތަކުގެ މީހުންނަށްވެސްދަނީ ދަތިވަމުންނެވެ. ފުލުހުންގެ އެހީތެރިކަމާއިއެކު ކުނިގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ރަށުގެ އުތުރުކޮޅުގައި ދިރިއުޅޭ މީހަކު ނަންނުޖެހުމަށްއެދި މިނޫހަށް މައުލޫމާތުދެމުން ބުނީ މިއަދު އެހެންޏާ ދުންނާރާ ސަރަހައްދުގައިހުރި ގެތަކަށް ދުންއަރަމުންދާތީ އެމީހުން މުޅި އަހަރުތެރޭ އުޅެމުންދާ ހާލަތު އިހްސާސްވާނެކަމުގައެވެ. “އަހަރެމެންނަށް އަބަދުވެސް އުޅެންޖެހެނީ މި ދުންގަނޑުތެރޭ. މީ އަހަރެމެނަށް އާކަމެއްނޫން” އޭނާ ބުންޏެވެ.

ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފަކު މިނޫހަށް މައުލޫމާތު ދިންގޮތުގައި، މިއަދު ކުނިގޮނޑުގައި ރޯވެ އަނދަމުންދަނީ ބަޔަކު ގަސްތުގައި ރޯކޮށްލުމުގެ ސަބަބުންނެވެ. ކުނިގޮނޑުގައި އެގޮތަށް ރޯކުރުމަކީ ވަރަށް އާންމުކަމެކެވެ. ނަމަވެސް މިއަދު ދުމުގެ އަސަރު ރަށުތެރެއަށް މިހާބޮޑަށް ކުރަމުންދަނީ ހުޅަނގު އުތުރުން ފުދޭވަރަކަށް ގަދަޔަށް ވާޖެހެމުންދާ ދުވަހަކަށްވާތީއެވެ.