Banner Image Description

އަންހެނުންނަށް ލިބޭ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފަ: އިދިކޮޅު

ޢަބުދުﷲ ޙަމީދު

އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ގައުމު ބިނާކުރުމާއި ގައުމީ އުފެއްދުންތެރިކަމުގައި އަންހެނުންގެ ހިއްސާ ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފަދަ މައްސަލަތައް މަޑުޖެހިފައިވާތީ ކޯލިޝަނުން އެކަމާ ކަންބޮޑުވުން ފާޅުކުރާކަމަށް ބަޔާނުގައި ވެއެވެ.

ހާއްސަކޮށް، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުގެ ހަމަހަމަކަމެއް ނެތްކަމަށާއި، އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ނުކުޅެދިފައިވާ ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ. ސަރުކާރުގެ އެންމެ މަތީ ފަންތީގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވަރަށް މިނިވަންކަމާއެކު މުޖްތަމަޢުގައި ޙަރަކާތްތެރި ވަމުންދިއުމާއި، ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރުން އަންހެނުންގެ ޙައްޤަށް އުނިކަންލިބޭ އަދި އިންސާފު ޤާއިމްކުރުމަށް ނުފޫޒު ފޯރުވާފަދަ މޭރުމުން ވާޙަކަދައްކަމުންދާކަމީ މިއަދުގެ ސަރުކާރުން އަންހެނުންނަށް އިޙްތިރާމްނުކުރާކަމާއި، އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަން ހާމަވާކަމެއްކަމަށް ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަ ކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އަންހެނުންގެ ހައްގުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމަށާއި އެއީ ބިރުވެރި މެސެޖެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

އަދި ކޮވިޑް19އާއި ގުޅިގެން މަގުމަތިވެ، ހާލުގައި ޖެހި އަނިޔާއަށް ހުށާއެޅެމުންދާ އަންހެނުންގެ އަދަދު އިތުރުވަމުންދާ ކަމަށައި އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުން އަވަސްކުރުމަށް ވެސް ގޮވާލާފައިވެއެވެ.