ހއ. އިހަވަންދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓާފު ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުނެފިއެވެ.
އިހަވަންދޫ ޣާޒީ ދަނޑުގައި ޓާފު އެޅުމަށްޓަކައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިމިދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު އެވެ. މި އެއްބަސްވުމާއެކު މަސައްކަތުގެ ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. އަދި ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ މަސައްކަތައް ބޭނުންވާ ސައިޓު މިހަފުތާތެރޭ ކައުންސިލުން ލޮކޭޓުކޮށްދެވިފައިވާ ކަމަށެވެ. ސަބު ބޭސް ހެދިޔަސް ޓާފު ނޭޅޭނަމަ ބޭސް ހަލާކުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން ރަޝީދު ވިދާޅުވީ ޓާފު ގެނެސް އިންސްޓޯލް ކުރުމާ ހަމައަށް ސަބުބޭސްގެ މަސައްކަތްވެސް ލަސްވުން ގާތްކަށެވެ.
ޓާފު އެޅުން ލަސްވަނީ ކޮވިޑާ ގުޅިގެން ދަތުރުފަތުރުގެ ދަތިކަން ހުރުމުން ކަމަށް މެލޭޝިއާގެ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. “ޓާފު އެޅި ބޮޑުދަނޑުގެ އުފާވެރިކަން ޒުވާނުންނަށް ހޯދާދިނުމަށް މި ޕުރޮޖެކްޓު އަވަސް ކުރުމަށް މަސައްކަތް ކުރާނެ” ކަމަށް މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.