Banner Image Description

ވީ.އެސް.އައިގެ ފަރާތުން ދީނީ ޙާއްސަ ޕްރޮގްރާމުތަކެއް

އިބްރާހިމް ނަޝީދު

ވޮލެންޓަރީ ސާވިސް އޮފް އިހަވަންދޫ (ވީ.އެސް.އައި) އާއި އިހަވަންދޫ ކައުންސިލް އަދި ރ. ހުޅުދުއްފާރުގެ ލެންޓަރން ޖަމިއްޔާ ގުޅިގެން އިހަވަންދޫގައި ދީނީ ޙާއްސަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ވީ.އެސް.އައި އިން ހާމަކޮށްފިއެވެ.

ވޮލެންޓަރީ ގްރޫޕެއްގެ ގޮތުގައި އިހަވަންދޫގައި ހަރަކާތްތެރިވާ ވީ.އެސް.އައިގެ ރައީސް ޙުސައިން ރީޙާން ވިދާޅުވީ 2020 ޑިސެންބަރު 26 އިން 29 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އިހަވަންދޫގައި މިހާތަނަށް އެންމެފުޅާކޮށް ހިންގޭ ދީނީ ޕްރޮގްރާމުކަމަށާއި މި ޕްރޮގްރާމުގައި އިހަވަންދޫގެ ޝެއިޚެއްގެ އިތުރުން ލެންޓަރން ޖަމިއްޔާގެ ފަރާތުން 2 ޝެއިޚުންނާއި އެ ޖަމްޢިއްޔާގެ އިތުރު 4 ބޭފުޅުން ބައިވެރިވާނެކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި މިސްކިތްތަކުގައި ދަރުސް ދިނުމާއި ރަށުގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކާ ބައްދަލުކުރުމާއި އަންހެން ކަނބަލުންނަށް ޙާއްސަ ދަރުސްގެ އިތުރުން ކޮފީ ވިތް ޝެއިޚް އަދި ދޮރުން ދޮރަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މީގެއިތުރުން “ހޭލާށޭ”ގެ ނަމުގައި ލެންޓަރން ޖަމްޢިއްޔާގެ ފަރާތުން ވަރަށް ޙާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ރީޙާން މަޢުލޫމާތު ދިނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ “ދޮރުން ދޮރަށް” ހަރަކާތަކީ ޝެއިޚުން ގެތަކަށް ގޮސް ނަޞޭޙަތް ދޭގޮތަށް ރާވައިލެވިފައިވާ ޙަރަކާތެއްކަމުން އެފުރުޞަތު ބޭނުންވާ ފަރާތްތަކުން 9589918 އަށް ގުޅައި ނަންނޯޓް ކުރެއްވުމަށް ވީ.އެސް.އައި އިން އެދިލައްވަ އެވެ.