މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު ޢަލީ ސުޒައިން އަށް

ޢަބުދުﷲ ޙަމީދު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ހއ. އިހަވަންދޫ، ކުދިމާގެ، ޢަލީ ސުޒައިން އަށް ލިބިވަޑައިގެންފިއެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ޢަލީ ސުޒައިންއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި ފަރާތްތަކުގެ ތެރޭގައި ހިމެނި، ޢަލީ ސުޒައިން އަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތީ އޭނާ މެލޭޝިޔާގެ، މެލޭސިޔާގެ ޔޫ ޓީ އެމް ޔުނިވާސިޓީއިން މާސްޓަރ އޮފް އިންޖީނިއަރިން އެންޑު ޓެލެކޮމިއުނިކޭޝަން ގެ ދާއިރާއިން މުޅިކޯހުން އެއްވަނަ ހޯއްދަވައި، އެ ކޯހުން ބެސްޓް ސްޓޫޑަންޓް އެވޯޑް ހާސިލް ކުރަށްވާފައިވާތީ އެވެ.

ޢަލީ ސުޒައިން މިހާރު ހުންނެވީ ހއ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރގެ މަޤާމްގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ. މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.