ގުރުދާ ބައްޔަށް ހާއްސަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް ކޭއާރުއެޗަށް

ޢަބުދުﷲ ޙަމީދު

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާއިމީކޮށް ގުރުދާ (ކިޑުނީ) ބަލީގެ ހާއްސަ ޑޮކްޓަރެއް ބަލި މީހުން ބަލަން ފަށައިފި އެވެ.

އެހޮސްޕިޓަލުން ބުނީ މިކަމުގެ ސަބަބުން ގުރުދާ ބަލީގެ ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބި، ޑަޔަލިސިސް ހަދަން ޖެހޭ މީހުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރ މަހުގެތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި  ކުޑަކަމުދާ ބަލިތަކުގެ ހާއްސަ ސްޕަރސްޕެޝަލިސްޓް ޑޮކްޓަރެއްގެ ހިދުމަތް ފަށާފައި ވެއެވެ. އަދި ދިވެހި ދެ ޑޮކްޓަރުން މިއަދު އެހޮސްޕިޓަލާ އަލަށް ގުޅިފައި ވެއެވެ. އެއީ އާއްމު ބަލިތަކުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. މިހިނގާ ޑިސެމްބަރ މަހުގެ ތެރޭގައި އެހޮސްޕިޓަލުން ވަނީ އައު ރޭޖިއޮލޮޖިސްޓުންގެ ޚިދުމަތާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިކޮށްފައެވެ.