ހއ. އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިމުގެ ރެޖިސްޓުރީ މޯލްޑިވްސް ޕޮލިސްއާ ހަވާލުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ އިހަވަންދޫގައި މިހާރު ހުރި ޕޮލިސް އިމާރާތުގެ ޖާގައިގެ ތަނަވަސްކަން ކުޑަވުމާއި، އިތުރު ވަޞީލަތްތައް ގާއިމް ކުރުމަށް ދަތިވުމާއި، ޕޮލިހުންގެ އަދަދު އިތުރު ކުރެވޭނެ ޖާގަ ނެތުމުން، އައު ޕޮލިސް އިމާރާތެއް ހޯދުމަށް އެދި އިހަވަންދޫ ޕޮލިހުން ކައުންސިލްގައި ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުދާޚިލީ ވަޒީރު އައްޝައިޚު އިމްރާން ޢަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އިހަވަންދޫ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި، އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އަޅުއްވާދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ދުނިޔެއަށް ދިމާވި ޚާޢްސަ އިޤްތިޞާދީ ހާލަތައި ގުޅިގެން މި މަސައްކަތަށް މަޑުޖެހުމެއް އައިސްފާވީ ނަމަވެސް، މި އިމާރާތް އެޅުމަށް ކުރަންޖޭހޭ އިދާރީ މަސައްކަތްތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރަވަމުންގެންދެވިކަން ފާހަގަކުރައްވާ ކައުންސިލުން ވަނީ މިއީ، މިފަދަ ބޮޑު އާބާދީއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޖްތިމާއީ ގުޅުންވަރުގަދަ ކުރުމަށް، ފުލުހުންނަށް ލިބޭ އިތުރު ލުއިފަސޭހައަކަށް ވެގެންދާނެ ކަމެއްކަމަށް ބުނެފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ދޫކޮށްފައި ވަނީ ކުރިން އާމިނާދިޔޯ ސިއްހީމަރުކަޒަށް އިތުރުކުރި ބިމުން އޫރިދޫ ޓަވަރުގެ ދެކުނުން ކަމަށެވެ. އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް މިސަރަހައްދުން 30 ހާސް އަކަފޫޓުގެ ބިން މޯލްޑިވްސް ޕޮލިސް އަށް ދޫކޮށްފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.