Banner Image Description

ޖެޓީ ނާޅާކަމުގެ ކަންބޮޑުވުމާއެކު ތުރާކުނު ފިޔަވައި ހުރިހާ ރަށަކުން ރައީސް އޮފީހަށް

.

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުންތަކާއެކު ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވައިފިއެވެ.

ޖުމްލަ 14 ރަށުގައި ހއ އަތޮޅުގައި މީހުން ދިރިއުޅޭއިރު 12 ރަށަކުން ފޮނުވި މި ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖެޓީއާ ނުލައި އެއާޕޯޓް ހުޅުވައިފި ނަމަ އަތޮޅު ރައްޔިތުންނާއި އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނޭ ތަކުލީފުތަކެވެ.

މި ސިޓީތަކުގައި އެދިފައި ވަނީ އެއާޕޯޓް ހުޅުވުމުގެ ކުރިން ޖެޓީގެ މަސައްކަތް ނިންމައިދިނުމަށާއި މުޅި އަތޮޅަށް ލާބަ އާއި މަންފާ ލިބޭނޭ ގޮތަށް އެއާޕޯޓްގެ މަސައްކަތް ބައްޓަންކޮށްދެއްވުމަށެވެ.

ސިޓީ ފޮނުވީ އުލިގަމާއި އިހަވަންދޫ އާއި މޮޅަދޫ އާއި ތަކަންދޫ އާއި މާރަންދޫ އާއި ދިއްދޫ އާއި ކެލާ އާއި ބާރަށާއި ފިއްލަދޫ އާއި ވަށަފަރާއި އުތީމު އަދި މުރައިދޫންނެވެ.

މި ސިޓީތައް އެ ރަށްރަށު ކައުންސިލްތަކުން ފޮނުވާފައިވާކަން ހއ އަތޮޅު ކައުންސިލްގެ ރައީސް ޢަބްދު ﷲ ޙުސައިން މި ނޫހަށް ކަށަވަރުކޮށްދެއްވިއެވެ.

ޢަބްދު ﷲ ޙުސައިން ވެސް މި ނޫހަށް ކުރިން ވިދާޅުވެފައި ވަނީ ހއ އަތޮޅުގެ އާބާދީ ތޭވީސް ހާހަށްވުރެ ބޮޑުއިރު އަދި މީހުން ދިރިއުޅޭ ސާދަ ރަށް އޮންނައިރު، އެއާޕޯޓް ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރަން ވާނީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ބޮޑު ގޮތަށް ކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ.