މެދުކެނޑުމަކަށްފަހު އައިސް ޕްލާންޓްގެ ޚިދުމަތް ހުކުރު ދުވަހު ފަށަނީ

އިސްމާއިލް ހައްމާޒް

ހއ އިހަވަންދޫގައި މިފްކޯ އިން ހިންގަމުން އަންނަ އައިސްޕުލާންޓުގެ ޙިދުމަތް މެދުކެނޑުމަށްފަހު އަލުން އަންނަ ހުކުރު ދުވަހު ފެށޭނެ ކަމަށް އައިސްޕްލާންޓުގެ ހިންގުމާ ހަވާލުވެހުރި ޢަބުދުލް ރައުފު އަބުދުލް ހަމީދު މައުލޫމާތު ދެއްވާފިއެވެ. ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުން ފެށިގެން އެ ޕްލާންޓްގެ އިންޖީނުގެ މޯޓަރަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އެ ޚިދުމަތް ވަނީ މެދު ކެނޑިފައެވެ.
މި ނޫހަށް މަޢުލޫމާތު ދެއްވަމުން ރައުފު ވިދާޅުވީ މޯޓަރ ސާވިސް ކުރުމަށް ފަހު މިހާރު ރަށަށް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމާލެވިއްޖެ ކަމަށާއި މާދަމާ ވެސް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި އެންމެ ލަސްވެގެންވެސް، ހުކުރު ދުވަހު ޔަގީންކަމާއެކު އެ ޚިދުމަތް ލިބޭނެ ކަމަށް ރައުފް ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި ވެސް މަސްވެރިންގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އައިސްޕްލާންޓުގެ ޚިދުމަތް ހައްލުވެގެން ދިއުމަކީ އިހަވަންދޫގެ މަސްވެރިކަން ކުރާ ފަރާތްތަކުން ލިބޭނެ ހިތްހަމަޖެހުމުކަށް ވެގެން ދާނެއެވެ.