ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން މަނަފަރު ރިސޯޓުން ވެސް ފާޅުކޮށްފިއެވެ.
މަނަފަރު ރިސޯޓުގެ ސީނިއާ މެނޭޖްމެންޓްގެ އިސް ބޭފުޅަކު ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން މި ނޫހަށް ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ސީދާ އެއާޕޯޓަށް ވަކިން ލަފާފުރޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވުމަކީ އެ އެއާޕޯޓްގެ ޚިދުމަތް ހޯދުމަށް އެ ރިސޯޓަށް އިތުރު ތަކުލީފަކާއި މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.
“ވަކިން އޮތް އެއާޕޯޓެއް. ޖެޓީއެއް ހެދެން އެބޮތް. ހޯރަފުއްޓަށް ގޮސް އެއްގަމު އުޅަނދެއްގައި ހޯރަފުށީ މަގުން އެއާޕޯޓަށް ދަތުރުކުރަން ޖެހިއްޖެއްޔާ އެ ވާނީ އަޅުގަނޑުމެންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް. ވަކި ޖެޓީއެއް ނަހަދަންވީ ކީއްވެ؟” އޭނާ ވިދާޅުވިއެވެ.
އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ.
އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް މުޢައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް އެޅުމަކީ އެއާޕޯޓާ ކައިރި ރަށްރަށާއި ރިސޯޓްތަކުން ނުހަނު ބޮޑަށް އެދެމުންދާކަމެވެ.
އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ބިމުގެ އެއްކޮޅު ހޯރަފުއްޓާ ގުޅުވާލާފައިވާއިރު، މިހާރު އެއާޕޯޓް ނިމެމުން އެދަނީ އެއާޕޯޓަށް ލަފާފުރުމަށް ހޯރަފުށީ ބަނދަރު ބޭނުންކުރުން ނޫން ގޮތެއް ނޯންނަ ގޮތަށްކަން ފާހަގަކުރެވެއެވެ.