Banner Image Description

އިހަވަންދިއްޕޮޅު އެއާޕޯޓާ ގުޅޭ ޕެޓިޝަނެއް. ޖެޓީ އަޅައިދީ!

.

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ޖެޓީއެއް އަޅައިދިނުން އެދި އޮންލައިން ޕެޓިޝަނެއް ހަދަން ފެށުމަށް ތައްޔާރުވަމުންދާ މައުލޫމާތު މި ނޫހަށް ލިބިއްޖެއެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ.

ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން ތައްޔާރުކުރަން ފަށާ މި ޕެޓިޝަނަކީ އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް މުޢައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތައްޔާރުކުރަން ފަށާ ޕެޓިޝަނެއް ކަމަށް ޚަބަރުލިބެއެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް އެޅުމަކީ އެއާޕޯޓާ ކައިރި ރަށްރަށާއި ރިސޯޓްތަކުން ނުހަނު ބޮޑަށް އެދެމުންދާކަމެވެ.

އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ބިމުގެ އެއްކޮޅު ހޯރަފުއްޓާ ގުޅުވާލާފައިވާއިރު، މިހާރު އެއާޕޯޓް ނިމެމުން އެދަނީ އެއާޕޯޓަށް ލަފާފުރުމަށް ހޯރަފުށީ ފަޅު ބޭނުންކުރުން ނޫން ގޮތެއް ނޯންނަ ގޮތަށެވެ.