އާސާރީ މިސްކިތާއެކު 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިމެނުމަށް ކުރާ މަސައްކަތް ކުރިއަށް

ޢަބުދުﷲ ޙަމީދު

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތް ކުރިއަށްދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ.

އެމަރުކަޒުން ބުނެފައިވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ 6 ހިރިގަލު މިސްކިތެއް ހިމެނިފައިވާ ކަމަށެވެ. އެއީ

ü     ހއ. އިހަވަންދޫ ހުކުރު މިސްކިތް

ü     ރ. މީދޫ ހުކުރު މިސްކިތް

ü     މާލޭ ހުކުރު މިސްކިތް

ü     މާލޭ ޢީދު މިސްކިތް

ü     އދ. ފެންފުށީ ހުކުރު މިސްކިތް

ü     ލ. އިސްދޫ ބައު މިސްކިތް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފައިވަނީ މި މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ 2022 ގައި ޔުނެސްކޯއަށް ފޮނުވުމުގެ މަސައްކަތް  ވޯލްޑްމޮނިއުމެންޓްސްއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

އިހަވަންދޫ އާސާރީ މިސްކިތް ބިނާކޮށް ނިމުނީ އައްސުލްތާން އިބުރާހީމް މުޒުހިރުއްދީންގެ ރަސްކަމުގައި މީލާދީން 1701 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށް ވެއެވެ. ނަމާދު ކުރުމަށް އެމިސްކިތް އަދި ވެސް އަންނަނީ ބޭނުންކުރަމުންނެވެ.