Banner Image Description

ރިސޯޓު ވަޒީފާއިން ވަކިކުރި ފަރާތްތަކާ މެމްބަރު ސަލީމް ބައްދަލު ކުރައްވައިފި

ޢަބުދުﷲ ޙަމީދު

މަނަފަރު ރިސޯޓުން ވަޒީފާއިން ވަކިކުރި ހޯރަފުށީ ފަރާތްތަކާ އެދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު 11 ޖެހިއިރު އެކައުންސިލާ މެމްބަރު ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ފުރިހަމަ މައުލޫމާތު ވަޒީފާއިން ވަކިކުރި ފަރާތްތަކާ ވަނީ ހިއްސާކޮށްފައެވެ. އަދި އެފާރާތްތަކާއެކު މެމްބަރު ހުންނެވިކަން ހާމަކުރަށްވައި، އެފާރާތްތަކަށް ހޯދައިދޭންޖެހޭ ހައްގުތައް ހޯދައިދިނުމުގައި މެމްބަރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައިވެއެވެ.

މީގެ ކުރިން ހއ. އަތޮޅު ތަމްސީލުކުރާ އިސްފަރާތްތަކުން ޓޫރިޒަމް މިނިސްޓަރާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައިވެސް ވަޒީފައިން ވަކިކުރި ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ. މިނިސްޓަރާއެކު ބޭއްވި މިބައްދަލުވުމުގައި މެމްބަރު ސަލީމްގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުވެސް ބައިވެރިވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަނަފަރު ރިސޯޓުން ގިނައަދަދެއްގެ މުވައްޒަފުން ވަކިކުރިއިރު އޭގެތެރޭގައި ހަމައެކަނި ހޯރަފުށްޓަށް ނިސްބަތްވާ 68 މުވައްޒަފުން ހިމެނެއެވެ.