އިހަވަންދޫގައި ކޮވިޑް-19 އަށް ރޭ ފައްސިވި ދެ ބިދޭސީންނާއެކު އިހަވަންދޫއިން މި ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 5 އަށް އަރައިފައެވެ.
އެ ދޭކޭސްއާ ގުޅުންހުރި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިވަގުތު ކުރަމުންދާއިރު އިހަވަންދޫގައި ކޮވިޑް-19ގެ ނުރައްކާ އޮތީ ކިހާ މިންވަރަކަށްކަން ވަޒަންނުކުރެވި އާންމުންތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ޢީދު ބަންދަށްފަހު އޯގަސްޓް 9 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ހުރިހައި ސްކޫލެއްގައިވެސް ކުރިއެކޭ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވާއިރު އިހަވަންދޫގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން، ސްކޫލު ހުޅުވައި ކިޔަވައިދޭން ފެށުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސްގެ ރަސްމީ ފޭސްބުކު ސްޓޭޓަސްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ޓެގް ކުރައްވައި، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްވަނީ އެދިލައްވައިފައެވެ.
މިކަމާގުޅިގެން އިހަވަންދޫ.ކޮމް އާ ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޮނުވުމުގައި ގިނަ ބެލެނިވެރިންގެ ކަންބޮޑުވުން އެބައޮތްކަމަށާއި އެކަމަށް ހައްލެއް ގެނެސްދިނުމަށް ބެލެނިވެރިން އެދެމުންދާކަމަށެވެ. އެހެންކަމުން މިދިޔަ އަންގާރަ ދުވަހު މިކަން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ސަމާލުކަމަށް ބެންނަވާފައިވާނެ ކަމަށާއި އެކަމާމެދު ވިސްނަމުންދާކަމަށް އެދުވަހު މިނިސްޓަރ ވިދާޅުވިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫގެ ގިނަ ގެތަކެއް ކަރަންޓީނު ކުރެވިފައިވާއިރު ރައީސް ވިދާޅުވީ “ގިނަ ކުދިންތަކެއްގެ ކިޔެވުން ގެއްލި، އެކުދިންގެ ގަޑިތަކަށް އެހެން ޙައްލެއް ހޯދައިދިނުމަށް އިންތިޒާމުކުރުމުގެ ބަދަލުގައި މިވަގުތަށް އޮތް ރައްކާތެރިގޮތަކީ އޮންލައިންކޮށް ކިޔަވައިދޭ ޓެލިކިލާސްތަކަށް ސަމާލުކަން ދިނުން” ކަމަށެވެ.
އިހަވަންދޫއިން ކޮވިޑް-19 އަށް 5 މީހުންވަނީ ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. މި އެންމެންނަކީވެސް އިހަވަންދޫއާއި މާލެއާ ދެމެދު ދަތުރުކުރާ 242 އަދި ތަހުތު ބޯޓުގެ ފަޅުވެރިންނެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށް 198 ސާމްޕަލް ނަގާފައިވާއިރ 22 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.