ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެގި 41 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލް ފިޔަވައި ހުރިހައި ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެއެވެ.
މި ސާމްޕަލްތަކުގެ ތެރެއިން 34 ސާމްޕަލް ނައްސިވެފައިވާއިރު 2 ފަރާތެއްގެ ސާމްޕަލްވަނީ ފައްސިވެފައެވެ. ފައްސިވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ.
އަންގާރަ ދުވަހުގެ ރޭ ނެގުނު 41 ސާމްޕަލްގެ ތެރޭގައި މީގެ ކުރިން އިހަވަންދޫއިން ފައްސިވި 3 ދިވެހިންގެ ކްލޯސް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވޭ 38 ސާމްޕަލް ހިމެއެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށް 198 ސާމްޕަލް ނަގާފައިވާއިރު 5 ފަރާތެއްވަނީ ފައްސިވެފައެވެ. 171 ސާމްޕަލް ނައްސިވެފައިވާއިރު 22 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.