މެމްބަރޝިޕް އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތަރުޙީބް ވަރަށް ބޮޑު: އެމްޑީޕީ

ޢަބުދުﷲ ޙަމީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަރުޙީބް ވަރަށް ބޮޑުކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް އާއި ޙަވާލާދީ އެމްޑީޕީގެ ވެބުސައިޓުން ހާމަކޮށްފިއެވެ.

އަކްރަމް ވިދާޅުވިކަމަށް އެސައިޓުގައި ވަނީ މެމްބަރޝިޕް އިތުރުކުރުމަށް ޤައުމީ މަޖްލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އިއްޔެ އެކަނިވެސް 221 މެމްބަރޝިޕް ފޯމު ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި ނިމިދިޔަ ހަފްތާގައި ޕާޓީގެ އޮފީހަށް ވަނީ 199 ފޯމު ލިބިފައެވެ. އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާއި ގުޅިގެންނެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.

އެމްޑީޕީން އެޕާޓީގެ މެމްބަރޝިޕު އިތުރުކުރުމުގެ މަސައްކަތް ފައްޓާފައި ވާއިރު އިއްޔަގެ ނިޔަލަށް އެޕާޓީގައި ރެޖިސްޓުރީގައި ތިބީ 46084 މެމްބަރުންނެވެ. އަދި އެޕާޓީގެ 1770 މެމްބަރުންގެ ފޯމު މިހާރުވެސް އިލެކުޝަނުން ދަނީ ޗެކުކުރަމުންނެވެ. އިލެކުޝަން ކޮމިޝަނުގައި މިހާތަނަށް 16 ސިޔާސީ ޕާޓީއެއް ރެޖިސްޓާރ ކޮއްފާ ވާއިރު އެންމެ ގިނަ މެމްބަރުން ތިބީ އެމްޑީޕީގައި ކަން ފާހަގަ ކުރެވެއެވެ.