ގުރޭޑް 11 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

މުޙައްމަދު އިމްރާން

އިހަވަންދޫ މަދަރުސާގައި، 2013 ވަނަ އަހަރު، ސައިންސް އަދި ބިޒުނަސް ސްޓްރީމުން ގުރޭޑު 11 އަށް ވަނުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރު ގުރޭޑު 11 އަށް ވަނުމަށް ފުރުޞަތު ހުޅުވާލައިފާ ވާއިރު، 2 ކުރިޓީރިއާއަކުން ޖާގަ ދިނުމަށް އިޢުލާނު ކޮށްފައިވެއެވެ.

ފުރަތަމަ ކުރިޓީރިއާއަކީ، ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ، އެކައުންޓް، ބިޒުނަސް ސްޓަޑީޒް އަދި އެކޮނޮމިކޮސް މި މާއްދާތަކުގެ ތެރެއިން 2 މާއްދާއިން ފާސްވުމާއި، އެސްއެސްސީ އިމްތިޙާނުން ދެވެހިބަސް އަދި އިސްލާމިކް ސްޓަޑީޒް އިން ފާސްވުން، އަދި ހިސާބު ނުވަތަ އިނގިރޭސިން ފާސްވުމެވެ.

ދެވަނަ ކުރިޓީރިއާއަކީ، އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުތަކުން މަދުވެގެން 5 މާއްދާއިން ފާސްވުމާއެކު، އެޑެކްސެލް އޭލެވެލް މާއްދާތަކުގެ ގޮތުގައި ސުކޫލުގައި ކިޔަވައިދިނުމަށް ހުއްދަދެވިފައިވާ މާއްދާތަކުގެ ތެރެއިން 1 މާއްދާއިން ފާސްވެ ދެވަނަ މާއްދާއިން ޑީ ގުރޭޑް ޙާޞިލްކޮށްފައިވުމެވެ.

މީގެ އިތުރުން، އިޢުލާނުގައިވާ ގޮތުން، ފާހެއްކަމުގައި ބަލައިގަނެވޭނީ ސީ ފާހަށްވުރެ މަތިން ފާސްވުމުންނެވެ. އަދި މި ފާސްތައް ގުނުމުގައި ބެލެވެނީ ވޭތުވެދިޔަ 2 އަހަރު އައި.ޖީ.ސީ.އެސް.އީ ، ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ ނަތީޖާއަށެވެ.

އަދި ހަމައެހެންމެ، ސުކޫލުގެ ގުރޭޑް 11 އަށް ވަންނަން އެދޭ ދަރިވަރަކީ، ކައިވެންޏެއް ކޮށްފައި ނުވާ، 2013 ޖޫން 1 އަށް 21 އަހަރު ނުފުރޭ ކުއްޖެއްކަމުގައި ވުމާއެކު، ޝަރުޢީ އެއްވެސް މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުޖަކަށް ވެގެންނުވާނެއެވެ. އަދި އެކުއްޖަކު ވާންޖެހޭނީ އެންމެފަހުން ދަރިވަރު ތަޢުލީމު ޙާޞިލްކުރި ސުކޫލުގައި ރަނގަޅު އަޚްލާޤީ ރިކޯރޑެއް އޮތް ، މީގެކުރިން ސަރުކާރުގެ އެއްވެސް ސުކޫލެއްގައި އޭލެވެލްއަށް ކިޔެވުމަށް ރަޖިސްޓްރީވެފައިވާ ނުވާ ދަރިވަރަކަށެވެ.

ފޯރމު ދޫކުރުމާއި ބަލާގަތުން މާދަމާއިން ފެށިގެން އިހަވަންދޫ މަދަރުސާއިން ކުރިއަށްދާއިރު، ފޯރމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީހަކީ 2013 މާރޗް 5 އެވެ. ފޯރމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 3 އަށެވެ.