ބައްދަލުވުމެއް ބާއްވާ ދިނުމަށް ވަފާ ޕްރީސްކޫލްގެ ބެލެނިވެރިން އެދެފި

ޢަބްދުލްމާނިޢު ޙުސައިން

ބެލެނިވެރިންގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އިހަވަންދޫ ވަފާ ޕްރީސްކޫލްގެ 40 ބެލެނިވެރިއަކު ސޮއިކޮށް އެސްކޫލްގެ މެނޭޖަމަންޓަށް ސިޓީއެއް ހުށަހަޅައިފި އެވެ.

އިހަވަންދޫ ޑޮޓްކޮމް އަށްވެސް ކޮޕީ ލިބިފައިވާ އެސިޓީގައި އެދިފައި ވަނީ ވަފާ ޕްރީސްކޫލްގެ ބެލެނިވެރިންގެ ބައްދަލުވުމެއް ނުބާއްވަވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައި ވުމާއެކު ބައެއް ކަންކަމުގައި މެނޭޖްމަންޓާއެކު މަޝްވަރާކޮށްލުމަށް ބޭނުންވާތީ އެ ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންނާއި އަދި ބެލެނިވެރިންނަށް ބައިވެރިވެވޭގޮތަށް ބެލެނިވެރިންގެ ބައްދަލުވުމެއް ބާއްވައި ދެއްވުމަށެވެ. މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތަކުން އިހަވަންދޫ ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަފާ ޕްރީ ސްކޫލްގެ ބައެއް ކަންކަމާމެދު ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަންކަމާމެދު މެނޭޖްމަންޓާ މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބެމުން ނުދާތީ އެކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުޞަތެއް ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިދިނުމަށް އެދުނީކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ވަފާ ޕްރީ ސްކޫލްގެ ހުރިހާ ބެލެނިވެރިންނަށް އެއްތާކު ތިބެގެން އެސްކޫލްގެ މެނޭޖްމަންޓާއެކު މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ސިޓީ ވަފާ ޕްރީސްކޫލަށް ލިބިފައިވާކަން އެ ސްކޫލްގެ މަސްއޫލުވެރިޔެއް ކަމުގައިވާ ހއ. އިހަވަންދޫ، ދިލްޝާދު / އަލްފާޟިލް އިބްރާހީމް ރަޝީދު އިހަވަންދޫ ޑޮޓްކޮމް އަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ އެ ސިޓީގައި އެދިފައިވާ ފަދަ ބައްދަލުވުމެއް ވީ އެންމެ އަވަސް ފުރުޞަތެއްގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ވަފާ ޕްރީސްކޫލަކީ އިހަވަންދޫގައި ހުރި ހަމައެކަނި ޕްރީ ސްކޫލެވެ. އެ ސްކޫލަކީ ތަޢުލީމީ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި، އަގުހުރި ޚިދުމަތްތަކެއް އިހަވަންދޫގެ ތަޢުލީމީ ނިޒާމަށް ކޮށްދެއްވާފައިވާ އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، އިރުޝާދީއާބާދު / އަލްފާޟިލް ޢަބްދުލްވާޙިދު ދާއޫދުގެ މޭސްތިރިކަމުގައި ހިންގަމުން އަންނަ ސްކޫލެކެވެ.