Banner Image Description

ޞިއްޙީ މަރުކަޒުގެ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތައް ކުރިއަށް އެބަދޭ

ޢަބްދުލްމާނިޢު ޙުސައިން

އިހަވަންދޫ ޞިއްޙީ މަރުކަޒުގެ 10 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެމަރުކަޒުން ތައްޔާރުވަމުން އެބަދެ އެވެ.

މަރުކަޒުން މައުލޫމާތު ދިން ގޮތުގައި އެމަރުކަޒުގެ އަހަރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި މަރުކަޒުގެ ދޮރުމަތީ ސަރަހައްދުގައި ގާއެތުރުމުގެ މަސައްކަތާއި، އިމާރާތުގެ ކުލަ އާއި ދަވާދު އާ ކުރުމުގެ މަސައްކަތް މުވައްޒަފުންގެ ފަރާތުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އަދި މީގެއިތުރުން އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބޭއްވުމަށް އެމަރުކަޒުން ދަނީ ތައްޔާރުވަމުންނެވެ. މިހަފްލާގައި އިހަވަންދޫއަށް ޞިއްޙީދާއިރާއިން ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދިނުމާއި، ތެލަސީމިޔާ ކުދިންނަށް ލޭހަދިޔާ ކޮށްފައިވާ ފަރާތްތަކަށް އެފަރާތްތަކުން ދެމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީ ފިލައެއް ދިނުން ވެސް އޮންނާނެ ކަމަށް މަރުކަޒުން މަޢުލޫމާތުދެ އެވެ. މި ހަފްލާ އޮންނާނީ 01 މާރޗް 2013 ވާ ހުކުރު ދުވަހުގެރޭ އިހަވަންދޫ ޞިއްޙީމަރުކަޒުގެ ގޯތިތެރޭގަ އެވެ.

އަންހެނުންގެ މަރުކަޒެއްގެ ގޮތުގައި ޚިދުމަތް ދޭންފެށި އިހަވަންދޫ ޞިއްޙީ މަރުކަޒު، ޞިއްޙީ މަރުކަޒަކަށް ބަދަލުވެ ޚިދުމަތް ދޭން ފެށީ 01 މާރޗް 2003 ގައެވެ. ވީމާ މިހިނގާ 2013 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހަށް އިހަވަންދޫ ސިއްޙީ މަރުކަޒަށް 10 އަހަރު ފުރޭނެ އެވެ.