ހއ. އިހަވަންދޫ (ޖުލައި 16، 2025): ހއ. އިހަވަންދޫގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހަވަންދޫ ބްރާންޗްގެ މައި ޖަނަރޭޓަރުތަކުގެ ތެރެއިން 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރު ނަންބަރު 02 އަށް މިއަދު 9:30 ހުގައި ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއެވެ.
ފެނަކަ އިހަވަންދޫ ބްރާންޗުން ނެރުނު އިޢުލާނެއްގައިވާ ގޮތުން، މިއަދުގެ ހެނދުނު 9:30 އިން ފެށިގެން، ޖަނަރޭޓަރު ނަންބަރު 02 އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައާ ގުޅިގެން މެއިންޓެނަންސް މަސައްކަތެއް ކުރަމުންދާތީ، ރަށުގެ އެކި ސަރަޙައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ.
ފެނަކަ އިހަވަންދޫ ބްރާންޗުން ވަނީ މި ދަނޑިވަޅުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި ޖަނަރޭޓަރު ސެޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ބްރާންޗްގެ ފަންނީ މުވައްޒަފުން މިހާރުވެސް ކުރަމުންދާ ކަމަށް މައުލޫމާތުދެއެވެ. މިކަމާއި ގުޅިގެން އެކުންފުނިން ކޮށްފައިވާ އިއުލާނުގައި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ފެނަކަ އިހަވަންދޫ ބްރާންޗުން ނިހާޔަތަށް މާފަށް އެދިފައިވެއެވެ.
މިމަހުގެ 2 ވަނަ ދުވަހުވެސް ހަމަ އެޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާފައިއެވެ.