ހއ. އިހަވަންދޫގެ ގިނަ ސަރަހައްދުތަކަކަށް މިއަދު ހެނދުނުން ފެށިގެން ކަރަންޓުގެ ދަތިކަން ކުރިމަތިވެ، ރަށުގެ އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ. މިކަމަށް މެދުވެރިވެފައިވަނީ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހަވަންދޫ ބްރާންޗްގެ މައި ޖަނަރޭޓަރެއް ކަމުގައިވާ 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރު ނަންބަރު 02 އަށް މިއަދު ހެނދުނު 9:30 ހުގައި ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުނުވެ ދިގުލައިގެން ދިއުމުންނެވެ.
މިކަމާއި ގުޅިގެން ފެނަކައިން ބުނެފައިވަނީ ޖަނަރޭޓަރ ސެޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މައްސައްކަތް ހުއްޓުމެއްނެތި ފަންނީ މުވައްޒަފުން ކުރަމުން ގެންދާ ކަމުގައެވެ. ނަމަވެސް އެމައްސަލަ މިރެއާއި ހަމަޔަށްވެސް ހައްލުވެފައި ނުވާތީ، ރަށުގެ އާންމު ސަރަހައްދުތަކުގެ ދިއްލުންތައް ކަމަށްވާ މަގު ބައްތިތަކާއި ބަނދަރު އަދި ކުޅިވަރު ކުޅޭ ދަނޑުތައް މިރޭ ނުދިއްލާ ހުރިއިރު، ރަށުގެ ގެތަކުންވެސް ދަނީ އެކިވަގުތުތަކުގައި ކަރަންޓް ކަނޑަމުންނެވެ. މިހާލަތުގައި ރައްޔިތުން ތިބެންޖެހުމުން އާނމުންދަނީ އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ.
“ކަރަންޓް ކަނޑާ ސަރަހައްދުތައް އިއުލާނުކުރަނީކީވެސް ނޫން! ކުއްލިއަކަށް ކަރަންޓް ކަނޑާތީ މިގޭ ޓީވީއަށްވެސް މައްސަލަ ޖެހިއްޖެ” ރަށުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު (36) ނުރުހުމާއިއެކު ބުންޏެވެ. މިގޮތަށް ކުއްލިއަކަށް ކަރަންޓު ކަނޑަމުންދިއުމަކީ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި، ކަރަންޓުގެ މައްސަލަ ދިގުދެމިގެން ގޮސްފިނަމަ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
މީގެ އިތުރުން ރަށުގެ ވިޔަފާރިތަކަށްވެސް ކަރަންޓުގެ މައްސަލައިގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. “ސިސްޓަމް ބޭނުންކޮށްގެން ވިޔަފާރިކުރަނީ، ކިހިނެއް ކަރަންޓާނުލާ މިކަން ކުރާނީ. މިރޭވެސް ކަރަންޓްނެތީމަ ބަންދުކޮށްފަ އެހެރީ. ވަރަށްބޮޑު ގެއްލުމެއް. ފިހާރަ ނުހުޅުވިޔަސް މުއްޒަފުންނަށް މުސާރަ ދޭންޖެހޭނެ. ގުދަންތަކަށް ކުލި އަރާނެ” ނަންނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއެއް ބުންޏެވެ. ކަރަންޓް ކެނޑޭނަމަ ރޭގަނޑެކޭ އެއްގޮތަށް ދުވާލުވެސް ވިޔަފާރި ނުކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ހީނަރުކަމެއް ކުރިމަތިވަމުންދާ ކަމަށް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރެއެވެ.
ރަށުތެރެޔަށް ބަލާއިރު، މިވަގުތުވެސް ބައެއް ގޭބިސީތަކުން ކަރަންޓު މެދުކެނޑިފައިވާތީ، ދިރިއުޅޭ ފަރާތްތައް ކުޑަކުދޑަކުދިންނާއެކު ތިބީ ގޭންބޭރަށް ނުކުމެއެވެ. ކަރަންޓު ނެތުމުގެ ސަބަބުން ގިނަ ގޭބިސީތަކުގައި ފާޚާނާ ބޭނުންކުރުމާއި، ސާފު ބޯފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވެއެވެ. މީގެ އިތުރުން، ބައެއް ވިޔަފާރިތަކާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ވަގުތީގޮތުން ބަންދުކުރަން ޖެހި، ޕޯސްޓުގެ ޚިދުމަތްވެސް މެދުކެނޑިފައިވެއެވެ.
މި މަހުގެ 2 ވަނަ ދުވަހުވެސް މިއަދު މައްސަލަ ޖެހިފައިވާ ޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ، ރަށުގެ އެކި ސަރަޙައްދުތަކުން ކަރަންޓު މެދުކެނޑިފައިވެއެވެ. އިހަވަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ރަށުގެ އެކި ސަރަޙައްދުތަކުގައި ޓްރާންސްފޯމަރު ބަހައްޓައި، އެޗް.ވީ ކޭބަލް އެޅުމުން ކަރަންޓުގެ ޙާލަތު ރަނގަޅުވަމުން އައި ނަމަވެސް، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަލުން ކަރަންޓުގެ ޙާލަތު ދަށަށް ދާން ފަށާފައިވާކަން ފާހަގަކުރެވެއެވެ.
ފެނަކައިން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އިހަވަންދޫ ރައްޔިތުންނާއި ވިޔަފާރިވެރިން ތިބީ ޚިދުމަތް އަލުން އާންމުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.