Banner Image Description

އިންޓަރހައުސް 9 ވަނަ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

ޢަބުދުﷲ ޙަމީދު

އިހަވަންދޫ މަދަރުސާގެ އިންޓަރހައުސް 9 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ.

މިމުބާރާތް ފެށިފައިވަނީ މިއަދު ހެނދުނު 7:30 ގައެވެ. މިއަދު ފެށިގެން ދިޔަ މިމުބާރާތް ޝަރަފުވެރިކޮށްދެއްވަނީ އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފާޟިލް މުޙައްމަދު ޢަބުދުއްޞަމަދުއެވެ. މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން ޝަރަފުވެރިމެހެމާނު ދެއްކެވި ވާހަކަ ފުޅުގައި މާތް ﷲ ސުބުހާނާ ވަތަޢާލާގެ އޯގާވަންތަވެރިކަމާއި ދީލަތިވަންތަ ކަމުގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ. މިގޮތުން އިންސާނާ ކުރާ ކޮންމެ ހެޔޮކަމަކަށް 10 ހެޔޮކަމުގެ ސަވާބު ދެއްވާ ކަމާއި، ނުބާ ކަމެއްކޮށްފިނަމަ ލިބިގެންދަނީ ހަމައެކަނި އެކުރި ނުބާ ކަމެއްގެ ޖަޒާ ކަމަށް ހާމަ ކުރައްވަމުން، އިންސާނާގެ އުމުރުގައި މާތްﷲ އަށް އަޅުކަންކުރުމުގައި ހޭދަކުރެވޭވަގުތުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

އެގޮތުން އަޅުގަނޑުމެންގެ އެވަރެޖް އުމުރަކީ 63 އަހަރުކަމުގައިވާނަމަ، ދުވާލެއްގައި 8 ގަޑިއިރު މަސައްކަތް ކުރާނަމަ، ނުވަތަ ކިޔެވުމުގައި ހޭދަވިކަމުގައި ވާނަމަ، އެކަންކަމަށް އަހަރުދުވަހުން ހިސާބުކުރާނަމަ، އެއީ 21 އަހަރުކަމަށާއި، ދުވާލަކަށް އަހަރެމެންނަށް 8 ގަޑިއިރުގެ ނިދި ބޭނުންވާއިރު، އެހޭދަވަނީ އަނެއް 21 އަހަރުކަމަށެވެ.

އަދި ހަމައެހެންމެ ބާކީ އޮތް 21 އަހަރުން އަހަރެމެންނަށް ކުޅިވަރާ މުނިފޫހިފިލުވުންފަދަ ކަންކަމަށް ވަގުތުތައް ހޭދަކުރެވޭ ނިސްބަތަށްބަލައިލާއިރު، އެކަންކަމަށް ވަގުތު ހޭދަކުރުމަށްފަހު، އަޅުކަމުގައި ހޭދަކުރުމަށް އަޅުގަނޑުމެންގެ އުމުރުދުވަހުން (63 އަހަރުގެ ތެރެއިން) ލިބެނީ ނުވަތަ ބޭނުންކުރެވެނީ އެންމެ 3 އަހަރުކަމަށެވެ.

ކީރިތި ޤުރުއާންކިޔެވުމަކީ، އެކަމުގައި ދަރުމަޔާ ސަވާބުއެކުލެވިގެންވާ ކަމެއްކަން، ބައިވެރިންނާ އަޑުއެހުންތެރިންނަށް ހަނދާންކޮށްދެއްވަމުން، ޝަރަފުވެރި މެހެމާން ވިދާޅުވީ، ކީރިތި ރަސޫލާ(ޞ)ގެ ޙަދީޘް ބަސްފުޅުތަކުން ދަލީލު ލިބޭގޮތުގައި އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނުގެ އެންމެ ސޫރަތެއް 12 ފަހަރު ކިޔަވައިގެން މުޅިޤުރުއާން 4 ފަހަރަށް ޙަތިމް ކުރުމުގެ ސަވާބު އެންމެ މިނިޓަކުން ހޯދިދާނެކަމަށާއި، އެގޮތުން އަހަރެމެންނަށް ސޫރަތުލް އިޙްލާސް އެންމެ ފަހަރަކު ކިޔވައިގެން ކީރިތި ޤުރުއާން 3 ބައިކުޅަ 1 ބައި ކިޔެވުމުގެ ސަވާބު ލިބިގެންދާކަން ހަދީޘުން ސާބިތުވާކަމަށެވެ. އަދި މިސޫރަތް 1 މިނިޓްތެރޭ 12 ފަހަރަށް ކިޔަވައިލުމަކީ އުނދަގޫ ކަމަކަށް ނުވާނޭކަމަށް ވިދާޅުވިއެވެ.

އިންޓަރަހައުސް 9 ވަނަ ޤުރުއާން މުބާރާތް ކުރިއަށްގެންދަނީ މަދަރުސާގެ ހަތަރު ހައުސް ކަމުގައިވާ ބުރެވި ހައުހާއި، ކުރެދި ހައުސް އަދި ނިރޮޅުހައުހާއި، ހިރުނދު ހައުހުގެ ބައިވެރިންގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވެފައިވާ މަދަރުސާގެ ބައިވެރިންގެ މެދުގައެވެ. މިމުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ މަދަރުސާގެ ހޯލުގައެވެ.

މިފަހަރުގެ މިމުބާރާތް ކުރިއަށްގެންދަނީ ވަރަށްބޮޑު އިންތިޒާމީ ބަދަލުތަކަކާއި އެކުގައި ކަމަށާއި، މާކުސް އެޅުމުން ފެށިގެން ބެކު ފަރުމާކުރުމާއި، ސުވާލު ނެގުމުގައިވެސް ބޭނުންކުރެވިފައިވަނީ މުޅިންވެސް ޒަމާނީ ޓެކްނޮލޮޖީކަމަށާއި، ކުއްޖާ ކިޔަވަމުންދާވަގުތުގައި އެކުއްޖާ ކިޔަވަމުންދާ އާޔަތްތައް ބެލުންތެރިންނަށް ފެންނާނޭގޮތް އިންތިޒާމު ކޮށްފައިވާނޭކަމަށާއި، ކިޔަވާ ދަރިވަރު ކިޔެވުމަށް ބޭނުންކުރާނީވެސް، ސްކްރީނުންފެންނަ ޑިޖިޓަލް ޤުރުއާން ޙަތީމެއް ކަމަށް އިހަވަންދޫ މަދަރުސާގެ އިސްލާމިކް ފޯރަމުން ހާމަކުރެއްވިއެވެ.

އެހެންކަމުން މިފަހަރުގެ މިމުބާރާތް ކުރިޔަށް ގެންދިޔުމަށް އެތައްތަނެއް ފަސޭހަވެފައިވާކަމަށާއި، މުބާރާތް ކުރިއަށްގެންދިޔުމުގެ ދުވެލި އެތައްތަނަކުން ހަލުއިވެފައިވާކަމަށްވެސް ހާމަކުރެއްވިއެވެ.

މިމުބާރާތް މިއަދާ، މާދަމާ ކުރިއަށްދާއިރު، މިމުބާރާތުގެ ވަނަތަކަށް އިނާމު ހުށައެޅުމުގެ ދޮރު މިމަހުގެ 8 ކާ ހަމައަށް ވަނީ އެންމެހާ ފަރާތްތަކަށް ހުޅުވާލައިފައެވެ.