ކޮވިޑް-19: އިހަވަންދޫ ހިމެނޭހެން 10 ރަށެއްގައި މާސްކު އެޅުން މަޖުބޫރު

އިބްރާހިމް ނަޝީދު

ކޮވިޑް-19ގެ ކޭސްތައް އަތޮޅުތެރެއިން ފެނިފައިވާ ރަށްތަކުގައި މާސްކު އެޅުން އެޗްޕީއޭ އިން މަޖުބޫރުކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސީ  ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ސާމިޔާ ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގެ 10 ރަށެއްގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެބަތިބިކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން މާސްކު އެޅުން މަޖުބޫރުކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާމީހުން އިތުރުވަމުންދާއިރު ހއ އަތޮޅުގެ ދެރަށަކުން ކޮވިޑް-19 ވަނީ ފެނިފައެވެ. އެއީ ހއ. އިހަވަންދޫއާއި ހއ. ކެލައެވެ. މިދެރަށުގެ އިތުރުން ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި އަދި ވ. ފުލިދޫއިންވެސްވަނީ ކޮވިޑް-19 ފެނިފައެވެ.

އިހަވަންދޫއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ މާލެއިން އިހަވަންދޫއަށް އައި ޓޫފޯޓޫ ބޯޓުގެ ފަޅުވެރިއެކެވެ. ކޮވިޑް-19ގެ ޢަލަމާތްތައް ފެންނަމުންދާތީ ޓެސްޓްކުރުމުން ކޮވިޑް-19 އަށް އޭނާ ފައްސިވެފައިވަނީ ޖުލައި 31 ވަނަ ދުވަހުގެ ރެއެވެ.

އެކޭސްއާ ގުޅުންހުރި 13 ސުންކުނަގައި ޓެސްޓުކުރުމުން 2 ސުންކު ފައްސިވެފައިވާއިރު 11 ސުންކުވަނީ ނައްސިވެފައެވެ. ފައްސިވެފައިވަނީ 242 ބޯޓުގެ ފަޅުވެރިއަކާއި ތަހުތު ބޯޓުގެ ފަޅުވެރިއެވެ. މި އެއްމެންނަކީވެސް ދިވެހިންނެވެ. އެހެންކަމުން މިވަގުތާ ހަމައަށް އިހަވަންދޫއިންވަނީ ކޮވިޑް-19ގެ 3 ކޭސް ފެނިފައެވެ.

ކޮވިޑް-19އާ ގުޅިގެން އިހަވަންދޫގައި 27ގެ އާއި މާލެ ދަތުރުކުރާ 2 ބޯޓުގެ އިތުރުން 1 މަސްދޯނި ކަރަންޓީނުކުރެވިފައިވާކަމަށް އިހަވަންދޫ ކައުންސިލުންވަނީ ހާމަކޮށްފައެވެ.