އިހަވަންދޫގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި އެވެ.

ތިން ސަރަހައްދެއްގައި ގާއިމުކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވާފައިވަނީ ރޭ ހެލްތު މިނސްޓުރީން ވާޗުއަލްކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. ރޭ ވަނީ  އައްޑޫ ސިޓީގެ ހިތަދޫ، ޏ. ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވާފައެވެ.

ހެލްތް މިނިސްޓްރީން ބުނީ، ހިތަދޫގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި 10 އައިސީޔޫ އެނދާއި 30 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށާއި އަދި ފުވައްމުލަކާއި އިހަވަންދޫ ފެސިލިޓީގައި ތިން އެނދު ހުންނާނެ ކަމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވިދާޅުވީ މީގެ ހަ މަސް ކުރިން ވުޖޫދުގައި ވެސް ނެތް ބައްޔެއް ފެނި، ބައި އަހަރެއްހާ ދުވަސް ތެރޭގައި މުޅި ދުނިޔަށް ފެތުރިފައިވާއިރު މިއީ މިފަހަކަށް އައިސް ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ވަބާ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުގައި އެބައްޔަކުން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބައްޔަކީ ކޮވިޑް ބަލި ކަމަށާއި އެ ބަލީގައި މަރުވާ މީހުންގެ ރޭޓަށްބަލާނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިދަރަޖަ އެއްވަނަ އަށް އެރުމަކީ ގާތުގައި އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު އަކްރަމް ވިދާޅުވީ، އިހަވަންދޫގައި ގާއިމުކޮށްފައިވާ ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި 3 އެނދު ބެހެއްޓިފައިވާއިރު، ފަރުވާދިނުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށާއި އިހަވަންދޫގައި ގާއިމުކުރި އައިސީޔޫ ފެސިލިޓީ އަކީ ދިވެހިރާއްޖޭގަ ސިއްހީމަރުކަޒެއްގައި ޤާއިމު ކުރެވޭ މިފަދަ ފުރަތަމަ އައިސީޔޫ ފެސިލިޓީކަމަށެވެ.