ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި

މަރިޔަމް

ހއ. އިހަވަންދޫން މީގެ ކުރިން ކޮވިޑުގެ ކޭސްތައް ފެންނަމުންދިޔަ ފަހަރުތަކާއި ހިލާފަށް މިހާރުގެ ހާލަތުގޯސްވެ މީގެ ކުރިން އިހަވަންދޫން ކޮވިޑަށް ފައްސި ނުވާ މިންވަރަށް ބައްޔަށް ފައްސިވެއްޖެއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ބުރާސްފަތި ދުވަހުގެ ހަވީރު ހާމަކޮށްފައިވާ ނަތީޖާ ތަކަށްބަލާއިރު، މިހާތަނަށް 33 މީހުން ވަނީ ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއަދު ޖުމުލަ 7 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު އެއީ،  ރޯގާގެ އަލާމަތްތައް ހުރެގެން ނެގުނު ފުލޫގެ 2 ސާމްޕަލް އާއި ފައްސި ވެފައިވާ ފަރާތްތަކާއި ޑައިރެކްޓު ކޮންޓެކްޓްވެފައިވާތީ ނެގުނު 5 ސާމްޕަލް ކަމަށް އެމަރުކަޒުން ބުނެއެވެ.

މިއަދު ވަނީ ކޮވިޑު ބައްޔަށް ފައްސިވެފައިވާ އުމުރުން 91 އަހަރުގެ މީހަކު މަރުކަޒުގައި ޤާއިމްކޮށްފައިވާ ކޮވިޑް ޓްރާންސިޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން  ފަރުވާދޭން ފަށައިފައެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން އެމަރުކަޒުގެ ޒިންމާދާރުވެރިޔާ މުޙައްމަދު އަކްރަމް ވަނީ ރަށުގައި ބަލިފެތުރުން ހުއްޓުވުމަށް ރަށްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

” ޕޭޝަންޓް ލޯޑް މިއަށްވުރެ ބޮޑުވެއްޖެނަމަ ސިއްހީހިދުމަތްތެރިންނަށް އެކަމުގެ ބުރަ ޑަބަލް ބޮޑުވާނެ” . ކޮވިޑުގެ ކޭސްތައް މެނޭޖުކުރުމުގައި އެންމެބުރަކޮށް ނުރައްކަލަށް ހުށަހެޅިގެން މަސައްކަތްކުރަނީ އެމީހުންކަން ފާހަގަކުރައްވައި އަކުރަމް ވިދާޅުވީ ކޭސްތައް ހިފެހެއްޓުމެއްނެތި އިތުރުވާނަމަ ސިއްޙީހިދުމަތްތެރިން ވަރުބަލި ވެދާނެކަމަށެވެ. ކޮވިޑު ކޭސްތަކާއި ގުޅިގެން މިހާރުވެސް ރަށުގެ 31 ގެއެއްގައި 120 މީހުން ކަރަންޓީނު ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރަށުގައި ކޮވިޑު ބައްޔަށް ފައްސިވެފައިވާ ފަރާތަކާއި ކޮންޓެކްޓުވިކަމުގެ ރެކޯޑު ނެތި ރޯގާގެ އަލާމާތްތައް ފެނިގެން ނެގޭ ފުލޫސާމްޕަލްތައް ކޮވިޑުބައްޔަށް ފައްސިވަމުން ދާންފެށުމުން ސިއްހީމަރުކަޒުން ވަނީ އެކަމަށް ރައްޔިތުން ސަމާލުކަންދީ ރަށުގައި ބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ސިއްހީމަރުކަޒުން މިއަދު ހާމަކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު ރަށުން ފެނުނު ފުލޫ ކޭސްތަކާއި ގުޅިގެން ހަވީރުގެ ނިޔަލަށް ޖުމުލަ 142 ސާމްޕަލް އެއް ޓެސްޓުކުރުމަށް ވަނީ ނަގައިފައެވެ. 20 ސާމްޕަލް އެއްގެ ނަތީޖާ އަދި ނުލިބޭއިރު މިއަދު ހަވީރުވެސް ސާމްޕަލް ނެގުމުގެ މަސައްކަތް އެމަރުކަޒުން ކޮށްފައި ވެއެވެ.