Banner Image Description

މޮނިޓަރިންގައި 22 ދުވަސް، ފައްސިވާ އަދަދަށް މަޑުޖެހުމެއް ނާދެ

މަރިޔަމް

ނިމިދިޔަ އަހަރުގެ ޑިސެމްބަރ 23 އިން ފެށިގެން އިހަވަންދޫން ކޮވިޑުގެ ކޭސްތަށް ފެންނަމުންދާތީ އެ އަހަރުގެ ޑިސެމްބަރ 31 އިން ފެށިގެން އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތާ 22 ދުވަސް ވެފައިވާއިރު، އަދިވެސް ބަލިޖެހޭ މީހުންގެ އަދަދު ދަށަށް ނުދާކަން ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން އިހަވަންދޫން ނެގޭ ސާމްޕަލްތަކުގެ ތަފްސީލުތައް ކޮންމެދުވަހަކުހެން އަދާހަމަ ކޮށްދެމުންދާއިރު، އެ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އިހަވަންދޫން ޑިސެމްބަރ 23 އިން ފެށިގެން ޖުމުލަ 883 ސާމްޕަލް ކޮވިޑަށް ޓެސްޓު ކުރުމަށް ނަގާފައިވާއިރު، އެސާމްޕަލް ތަކުގެ ތެރެއިން 186 ސާމްޕަލް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެއީ ނެގުނު ސާމްޕަލްތަކުގެ 21.06 އިންސައްތަ އެވެ. އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވިކަމަށް އިޢުލާނުކޮށްފައި ވަނީ ޖަނަވަރީ 20 ވަނަ ދުވަހު އެވެ. އެދުވަހު ދެފަހަރެއްގެ މަތިން ހިސާބުތައް އަދާހަމަކޮށްފައިވާއިރު ޖުމުލަ 30 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

އިއްޔަގެ ނިޔަލަށް ކޮވިޑު ބަލީގެ 129 މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވާއިރު، މިވަގުތު އިހަވަންދޫގެ އކްޓިވް ކޭސްތަކުގެ އަދަދަކީ 57 އެވެ.

ކޮވިޑު ކޭސްތަކާ ގުޅިގެން މިވަގުތު އިހަވަންދޫގެ 48 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ކޮވިޑުގެ ކޭސްތައް ފެންނަމުންދާތީ ހެލްތުޕުރޮޓެކްޝަން އޭޖެންސީން މިވަގުތު ވަނީ ރާއްޖޭގެ 19 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.