Banner Image Description

މޮނިޓަރިންގެ 26 ވަނަ ދުވަސް، ބައެއް ވިޔަފާރިތަކަށް ލުއިތަކެއް

މަރިޔަމް

ނިމިދިޔަ އަހަރުގެ ޑިސެމްބަރ 23 އިން ފެށިގެން އިހަވަންދޫން ކޮވިޑުގެ ކޭސްތަށް ފެންނަމުންދާތީ އެ އަހަރުގެ ޑިސެމްބަރ 31 އިން ފެށިގެން އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތާ 26 ދުވަސް ފަހުން ބައެއް ވިޔަފާރި ތަކަށް ލުއިތަކެއް ދީފިއެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އިހަވަންދޫގެ އީއޯސީން މިއަދު ބޭއްވި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ބުނެފައިވަނީ މިގޮތަށް ނިންމާފައި ވަނީ މިހާރު އެޅިފައިވާ ފިޔަވަޅުތައް ދިގުދެމިގެން ދިއުމުގެ ސަބަބުން ރަށަށް އިޤްތިޞާދީގޮތުން ލިބެމުންދާ ގެއްލުން އިތުރުވަމުން ދާތީކަމަށެވެ.

މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ލުއިދީފައި ވަނީ ހޮޓާ ރެސްޓޯރަންޓު ހިންގާ ފަރާތްތަކަށާއި ސެލޫން ފަދަ ތަންތަން ހިންގާ ފަރާތްތަކަށެވެ. އެގޮތުން ކުރިން ހޮޓާތަކން ހަމައެކަނި ޓޭކުއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭގޮތަށް އޮތްއޮތުން ބަދަލުކޮށް، ކުރިއެކޭ އެއްގޮތަށް ހިދުމަތް ދެވޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ. ނަމަވެސް ރެސްޓޯރަންޓް، ކެފޭ، ސައިހޮޓާތަކާއި ފިހާރަތަކާއި އަދި އެނޫންވެސް ތަންތަނުގައި ޚިދުމަތް ދެއްވާ އެންމެހާ ފަރާތްތައްވެސް މަސައްކަތުގެ މާހައުލުގައި މާސްކް ބޭނުންކުރުމާއި އެޗް.ޕީ.އޭގެ ގައިޑްލައިންތަކަށް ޢަމަލުކުރުމާއިއެކު ހިދުމަތް ހޯދާ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުމާއި، ގިނައިރު އެފަދަ ތަންތަނުގައި މަޑުނުކުރުމަށް އީއޯސީން ވަނީ އެދިލައްވާފައެވެ. ސެލޫން އަދި ބޯކޮށާ ތަންތަނުގައިވެސް އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދެވޭގޮތަށް ރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ބަދަލުގެނެސްފައެވެ.

އިހަވަންދޫން މިހާތަނަށް 262 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު މިވަގުތު ބައްޔަށް ފަރުވާހޯދަމުންދާ 85 މީހަކު އެބަތިއްބެވެ.