Banner Image Description

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 4 މީހަކު ހައްޔަރުކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި 4 މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.