Banner Image Description

މަސްފެންގަނޑަކަށް ގެއްލުންދީ ގިނައަދަދެއްގެ މަސް މަރާލައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ގެއެއްގެ މަސްފެންގަނޑަކަށް ގެއްލުންދީ ގިނަ އަދަދެއްގެ މަސްތައް މަރާލައިފިއެވެ.

އިހަވަންދޫ ސަމާމަންޒިލްގޭގައި އޮތް މަސްފެންގަނޑަށް ގެއްލުންދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެގެއިން މިނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައި ވެއެވެ. މައުލޫމާތު ދިންފަރާތުން ބުނެފައިވަނީ މަސްތައް މަރުވެފައިވާ ކަމަށް ބެލެވެނީ މަސްފެންގަނޑަށް ގުޅާފައި ހުރި ވޭވު މޭކަރ އާއި ފިލްޓަރ އަދި އޮކްސިޖަން ޕަންޕުގެ ކޭބަލްތައް ކަނޑާލުމުގެ ސަބަބުން އޮކިސަން ނުލިބިގެން ކަމަށެވެ. މަސްފެންގަނޑަށް އޮކުސިޖަން ފޯރުކޮށްދިނުމަށާއި ފެންގަޑު ސާފުކުރުމަށް ގުޅާފައި ހުރި އާލާތްތަކުގެ ކޭބަލްތައް ބުރިކޮށްފައި ހުރިކަމަށް އެފަރާތުން ބުނެއެވެ.

ކާޕު އަދި ސުބަންކިންގ އެކުގައި ގެންގުޅުނު މި މަސްފެންގަޑުގައި ގިނައިން ހުންނާނީ ކާޕު ކަމަށްވެއެވެ. މިގޮތުން ކާޕުގެ އެކި ވެރައިޓީ ތައް ކަމަށްވާ އޭ ގުރޭޑު ކާޕު، ގިންރިން އަދި ބަނާނާ ކޮއި ވެސް މިމަސްފެންގަޑުގައި ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މަސްފެންގަޑަށް ދިން ގެއްލުމުގެ ސަބަބުން ޖުމުލަ 67 މަސް މަރުވެފައިވާ ކަމަށް މައުލޫމާތު ދިންފަރާތުން ހާމަކުރައްވައެވެ.

މިފަދަ ގެއްލުމެއް ދިން ސަބަބު ނުވިސްނޭ ކަން ހާމަކުރަމުން އެފަރާތުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެސް އެމަސްފެންގަޑުން 3 މީހަކަށް މަސް ދީފައި ވާނެ ކަމަށެވެ. މީގެ ކުރިންވެސް ދޭތެރެ ދޭތެރޭން މަސް ފެންގަނޑުން މަސް ވަގަށް ގެންދާކަން ފާހަގަ ކުރެވޭ ކަމަށް އެފަރާތުން ބުނެއެވެ.

އިހަވަންދޫގެ ގިނަ ގެތަކުގައި މަސްފެންގަނޑުތައް ހަދައި މަސް ގެންގުޅެމުން ދެއެވެ.