Banner Image Description

ޔޫކްރޭނަށް ދިވެހިން ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

ޢަބުދުﷲ ޙަމީދު

ރަޝިޔާ އިން މި ހަފްތާގައި ޔޫކްރެއިނަށް އަސްކަރީ ގޮތުން އެރުމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވިފައިވަނިކޮށް ދިވެހިން ޔޫކްރޭނަށް ދަތުރު ނުކުރުމަށް ރާއްޖެއިން އިލްތިމާސްކޮށްފިއެވެ.

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރުމާއެކު ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.

އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.